ކަރަންޓުގެ ބިޔަ މަޝްރޫއު: ބޮޑު ބަދަލަކާ ދިމާލަށް!

ބޮޑުވަމުން އަންނަ އާބާދީއާއެކު މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަހަރަކު 7-9 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަރަންޓުގެ ޑިމާންޑު މަތިވާކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމަށްޓަކައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސްޓެލްކޯއިން ޕަވާ ޕްރޮޖެކްޓެއް ހިންގަ އެވެ. އެގޮތުން މީގެ ކުރިން ހިންގި ފޯތު ޕަވާ ޕްރޮޖެކްޓުގެ ދަށުން އަށް މެގަވޯޓުގެ ތިން އިންޖީނު ބެހެއްޓި ނަމަވެސް އެ އިންޖީނުތަކުން ވެސް ނުފުދުމުން ސްޓެލްކޯއިން ހިދުމަތް ދެމުން އައިސްފައިވަނީ ކުދިކުދި އިންޖީނުތައް ގެނެސް ބަހައްޓައިގެންނެވެ. އަދި އެތަކެތިން ވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރަން ދަތިވުމުން ސްޓެލްކޯއިން ފިފްތު ޕަވާ ޕްރޮޖެކްޓުގެ ނަމުގައި ކަރަންޓުގެ ބިޔަ ޕްރޮޖެކްޓެއް ދަނީ ހިންގަމުންނެވެ.

މިއީ ހަމައެކަނި ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓެކޭ ބުނެފިނަމަ މި މަޝްރޫއުގެ ހަގީގަތް އޮޅިދާނެ އެވެ. ސްޓެލްކޯއިން ސިފަކުރާ ގޮތުގައި މިއީ ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވެނޭ ބިޔަ މަޝްރޫއެކެވެ.

ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ރާވާފައި އޮތީ މާލޭގައި 50 މެގަވޯޓުގެ ޕަވާޕްލާންޓެއް ބެހެއްޓުމަށެވެ. އެހެން ނަމަވެސް ޖާގައިގެ ދަތިކަމާއި ބައެއް އެހެނިހެން ސަބަބުތަކާއެކު އެ ޕަވާޕްލާންޓު ހުޅުމާލޭގައި އަޅާ ގޮތަށް ބަދަލެއް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ. މިދިޔަ އަހަރު ކުރީކޮޅު އެ ޕްރޮޖެކްޓު ނިމި، ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދެމުން ދަނީ ވެސް އެ ޕަވާޕްލާންޓުންނެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ-- ސަން ފޮޓޯ

"ހުޅުމާލޭގެ ގްރޯތު ރޭޓު ވެސް ވަރަށް ހައިކޮށް ދަނީ، އެހެން ނަމަވެސް އަދި 50 މެގަވޯޓު ބޭނުންކުރާ ވަރަކަށް ނުދޭ. މިހާރު ހުޅުމާލޭގައި ގާތްގަނޑަކަށް 15 މެގަވޯޓުގެ ޑިމާންޑެއް އޮތީ،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވި އެވެ.

މާލެއާއި ހުޅުމާލޭގެ އާބާދީ ބޮޑުވަމުންދިޔަ ނަމަވެސް ބޮޑުވަމުންދާ ސީދާ ރޭޓު ލަފާކުރުމަކީ ވަރަށް ދަތިކަމެކެވެ. އެހެން ނަމަވެސް ދުރާލާ ވިސްނާއިރު އާބާދީއާއެކު ކަރަންޓުގެ ޑިމާންޑަށް ސަޕްލައި ކުރަން އިތުރު 50 މެގަވޯޓުގެ ޖަނަރޭޓަރެއް ބެހެއްޓުމުގެ ޖާގަ ވެސް ހުޅުމާލޭ ޕަވަޕްލާންޓުގައި އެބަހުއްޓެވެ.

"ހުޅުމާލެއިން ބިން ހޯދިއިރު ވެސް އަޅުގަނޑުމެންގެ ވިސްނުމަކީ އަސްލު 100 މެގަވޯޓުގެ ޕަވާޕްލާންޓެއް އެތަނުގައި އަޅަން. މިހާރު އެތަނުގައި އެޅިފައިހުރި 50 މެގަވޯޓުގެ ޕަވާޕްލާންޓަކީ 100 މެގަވޯޓު ޕަވާޕްލާންޓުގެ ފޭސް އެކެއް. ފޭސް އެކެއް ޑިވެލޮޕްކުރިއިރު ފޭސް ދެއަކަށް ވިސްނައިގެން އެތަނުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރީ." މުޣުނީ ވިދާޅުވި އެވެ.

ގްރޭޓާ މާލެ ސަރަހައްދު ކަރަންޓު ވިއުގައަކުން ގުޅުވާލުން

މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަކީ ސްޓެލްކޯއިން ވަރަށް ކުރީއްސުރެ ގެންގުޅެމުން އައި ވިސްނުމެކެވެ. ސިނަމާލެ ބުރިޖު ވުޖޫދުވުމުގެ ކުރިން އެކުންފުނިން ވިސްނުން ގެންގުޅުނީ ސަބްމެރިން ކޭބަލް އަޅައިގެން އެ މަސައްކަތް ކުރުމަށެވެ. އެކަމަށް ބޭނުންވާ ދިރާސާތަކުން އެނގުނީ އެކަމުގެ ހަރަދާއި ގޮންޖެހުންތައް ބޮޑު ކަމެވެ. އެހެން ނަމަވެސް ސިނަމާލެ ބްރިޖް އެޅުމާއެކު ސްޓެލްކޯގެ ވިސްނުން އެއަށްވުރެ ހަރަދުކުޑަ އަދި ލުއިފަސޭހަ ގޮތަކަށް ހަގީގަތަކަށް ވެގެންދިޔަ އެވެ.

ބުރިޖަށްފަހު ޕަވާޕްލާންޓު ހުޅުމާލޭގައި އެޅުމާއެކު ދެން ސްޓެލްކޯއިން ފެށީ އެ ޕްލާންޓުން މާލެއަށް ކަރަންޓު ފޯރުކޮށްދޭނެ ގޮތެއް ހަމަޖައްސުމަށެވެ. މިކަން ކުރުމަށްޓަކައި ސްޓެލްކޯއިން އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ ނަމުގައި ފެށި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 95 އެމްވީއޭގެ ދެ ޓްރާންސްފޯމާރު، މާލޭގައި 95 އެމްވީއޭގެ ދެ ޓްރާންސްފޯމަރު އަދި ހުޅުލޭގައި ސަބްސްޓޭޝަންތަކެއް ބަހައްޓާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ޓްރާންސްފޯމަރުތަކެވެ. އާންމުކޮށް މާލޭގައި ގެންގުޅެނީ 1-2 އެމްވީއޭގެ ޓްރާންސްފޯމަރުތަކެވެ.

ހުޅުމާލޭގައި ބެހެއްޓި 50 މެގަވޯޓުގެ ޕަވާޕްލާންޓުން ސަބްސްޓޭޝަންތައް މެދުވެރިކޮށް ހުޅުމާލެ، މާލެ އަދި ހުޅުލެ އެއް ގްރިޑަކުން ގުޅުވާލުމަށްޓަކައި ސިނަމާލެ ހައިވޭއާއި ބުރިޖުގައި މިހާރު ކޭބަލް އެޅުމުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ހުޅުމާލެއާ ވީކޮޅުން މާލެއަށް އަންނައިރު ބްރިޖު ނިމޭ ހިސާބުން ބަންދުކޮށްފައިވާ ސަރަހައްދަކީ، ބްރިޖުން އަންނަ ކޭބަލްއާއި މާލޭގައި އަޅާ ކޭބަލްތަކާ ގުޅުވާލަދޭ 'ޖޮއިންޓް ވެލް' ހުންނަ ތަނެވެ.

ހުޅުމާލެ، މާލެ އަދި ހުޅުލެ އެއް ގްރިޑަކުން ގުޅުވާލުމަށްޓަކައި ސިނަމާލެ ހައިވޭގައި ކޭބަލް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި-- ސަން ފޮޓޯ

ގްރިޑުގެ ކޭބަލްތައް ތިލަފުށްޓާ ހަމައަށް ދަމާލުން

މާލެއާއި ދުރުން ކަރަންޓު އުފައްދުމުގެ ވިސްނުމަކަށް ދާން ސްޓެލްކޯއަށް އޮތީ މަޖުބޫރުވެފަ އެވެ. ސަބަބަކީ ކުރިން ދެންނެވި ފަދައިން މާލޭގައި ހުރި ސްޓެލްކޯގެ ބިން އޮތީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް ފުރިފަ އެވެ. ދޭތެރެ ދޭތެރެއިން ކުދި އިންޖީނުތައް ބަހައްޓަން ޖެހުމުން ސްޓެލްކޯގެ ބިން އޮތީ އިންޖީނު ހާއްޔަކަށް ވެފަ އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ އެއް ގްރިޑަކުން ގުޅުވާލަނީ ފިފްތު ޕަވާ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ. ފުރަތަމަ ފިޔަވަހި ނިމުމާއެކު ދެން އޮތީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމެވެ.

މުޣުނީ ވިދާޅުވީ ފިފްތު ޕަވާ ޕްރޮޖެކްޓާއެކު މާލޭގައި އިތުރު ޕަވާޕްލާންޓެއް ބެހެއްޓުމުގެ ވިސްނުމެއް ސްޓެލްކޯއިން ނުގެންގުޅޭ ކަމަށެވެ. މިއަށްވުރެ ދުރަށް ވިސްނާލާއިރު ގްރޭޓާ މާލޭގެ ހުރިހާ ރަށްތަކެއް (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު) ބުރިޖަކުން ގުޅުވާލުމުން މިހާރު ކަރަންޓު ފޯރުކޮށްދިނުމުގައި ހުރި ގިނަ ދަތިތައް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްރޭޓާ މާލޭގެ ހުރިހާ ރަށްތަކެއް ބުރިޖަކުން ގުޅިގެންދާއިރު، މީގެ ސަބަބުން ސްޓެލްކޯއަށް މި ދިމާވާ ބިމުގެ މައްސަލައާއި ރެސިޑެންޝަލް ކަސްޓަމަރުންގެ ކައިރީގައި ތިބެ ޕަވާ ޕްރޮޑިއުސް ކުރުމާއި އެކަމުން އަރާ ދުމާއި، މި ހުރިހާ ކަމަކަށް ވެސް ހައްލެއް ލިބިގެންދޭ. އެއީ ގްރިޑެއް އޮވެއްޖެނަމަ ޖާގަ އޮތްތަނެއްގައި ޕަވާ ޑިވެލޮޕްކޮށްގެން [އެހެން ތަންތަނަށް] ފީޑު ކުރެވޭނެ މެޖޭނިޒަމްއެއް މި ލިބެނީ." މުޣުނީ ވިދާޅުވި އެވެ.

މާލެއަށް މިހާރު ކަރަންޓު ފޯރުކޮށްދެމުންދާ ޖަނަރޭޓަރުތަކަކީ "މުސްކުޅި" ވެފައިވާ ޖަނަރޭޓަރުތަކެކެވެ. ބައެއް ޖަނަރޭޓަރުތަކަށް 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެތަކެތީގެ އުމުރަކީ ވެސް އާންމުކޮށް 25 އަހަރެވެ. އެހެން ދިމާލަކުން ޕަވާ ޖެނެރޭޝަން އައުމަކީ މުސްކުޅި ޖަނަރޭޓަރުތައް ރިޓަޔާކުރަން ލިބޭނެ ފަސޭހައަކަށެވެ.

އިޔާދަކުރަނިވި ހަކަތައާ ދިމާލަށް އެޅޭ އިތުރު ފިޔަވަޅެއް

އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ ސްޓެލްކޯއިން އަބަދުވެސް ގެންގުޅޭ ވިސްނުމެކެވެ. އެހެން ނަމަވެސް މިކަމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ، ގްރިޑުގެ ކެޕޭސިޓީ ކުޑަވުމެވެ.

"މިވަގުތު ވަކި ވަރަކަށް ގްރިޑަށް ފީޑު ކުރެވެނީ. އައިލެންޑް ގްރިޑްތަކެއް މި ހުންނަނީ، މާލެއަކީ އައިލެންޑެއް، ހުޅުމާލެއަކީ އައިލެންޑެއް. އެހެންވެ އެރަށެއްގެ ކެޕޭސިޓީއަށް ބަލާފައި ފީޑު ކުރެވޭ ގޮތަށް މި އޮންނަނީ." މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ވިއްކާ ސޯލާ ޕޭނަލްތަކެއް ގެއެއްގައި ހަރުކުރަނީ.ސްޓެލްކޯގެ "ގްރީންލައިފް އިނީޝިއޭޓިވް"ގެ ދަށުން ވިއްކާ މި ސޯލާ ޕޭނަލްތަކަށް ހަތް އަހަރުގެ ވޮރެންޓީއެއް އެކުންފުނިން ދޭ-- ފޮޓޯ/ސްޓެލްކޯ

އާ ގްރިޑު އައުމުން ތިން ރަށުގެ ކަރަންޓު ވިއުގަ އެއްވެ، ޖުމުލަ ކެޕޭސިޓީ ބޮޑުވާނެ އެވެ. މިއާއެކު މިހާރަށްވުރެ ގިނައިން އިޔާދަކުރަނިވި ހަކަތަ އިންޓަގްރޭޓް ކުރެވޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ.

ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް

އިންޖީނުތަކަށް ލޯޑުބޮޑުވުމާއި އަދި މި ނޫންވެސް ސަބަބުތަކާ ހުރެ ކަރަންޓު ކެނޑުމަކީ ދޭތެރެދޭތެރެއިން ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް ފިފްތު ޕަވާ ޕްރޮޖެކްޓާއެކު މި މައްސަލައަށް ވެސް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ އެވެ. މިކަން ކުރުމަށްޓަކައި ސްޓެލްކޯއިން ގެންގުޅޭ ވިސްނުމަކީ ބެކަޕް ބެޓަރީތަކެއް ބެހެއްޓުމެވެ.

"ބެޓަރީ ބެކަޕް ސިސްޓަމެއް ބެހެއްޓުމުން އިންޖީނު ބައެއް ފަހަރު އެހެން ދިމާވާ މައްސަލައަކުން މަދުމަދުން ކަރަންޓު ކެނޑޭ ތަން ވެސް ފެކްޓާ ކޮށްގެން އެކަން ރަނގަޅު ކޮށްލެވޭނެ. އަދި އިޔާދަކުރަނިވި ހަކަތަ އަންނައިރު، މި ބާވަތުގެ ހަކަތައަކީ އިންޓަމިޓެންޓް ސޯސްއެއް. މާނައަކީ ވިލާގަނޑެއް އެރިޔަސް އޭގެ ޕްރޮޑަކްޝަން ވެސް ދަށްވެގެންދާނެ، ވަރަށް އަވަހަށް ކުއްލި ގޮތަކަށް. އެހެންވީމަ ސިސްޓަމް ޑީސްޓޭބިލައިޒް ވާ މައްސަލަ ވެސް ހައްލުވާނެ ބެޓަރި ސިސްޓަމް އައިމަ." މުޣުނީ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ މިހާރު އިޔާދަކުރަނިވި ހަކަތައަށް ވަރަށް ކުޑަ މިންވަރެއް ދޫކުރާތީ އެކަން ކުރަނީ ޖަނަރޭޓަރުތަކުން ކަމަށެވެ. އެހެން ނަމަވެސް މުސްތަގްބަލުގައި ކަރަންޓުގެ ބޮޑު ބައި އިޔާދަކުރަނިވި ހަކަތައިން އުފެއްދުމާ ދިމާއަށް މިސްރާބު ހިފާފައިވާއިރު، މި ބާވަތުގެ ހަކަތަ ގްރިޑުގައި ގިނަވާނެ ކަމަށާއި އެހެންކަމުން ހަކަތަ ކޮންޓްރޯލު ކުރެވޭނެ މެކޭނިޒަމްއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

ބޮޑު ގްރިޑަކުން ގްރޭޓާ މާލެ ސަރަހައްދު ގުޅުވާލާ މި މަޝްރޫއު ކުރިން ރާވާފައި އޮތީ މިއަހަރުގެ ނޮވެމްބަރުގައި ނިންމުމަށެވެ. އެހެން ނަމަވެސް ކޮވިޑް19 ޕެންޑެމިކްއާއެކު ދަތުރުފަތުރުކުރުމަށާއި މުދާ ގެނައުމަށް ކުރިމަތިވި ހުރަސްތަކާއެކު ބޭރުން އިންޖިނިއަރުންނާއި މަޝްރޫއަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. އެހެން ނަމަވެސް މަޝްރޫއަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ހުރިހާ ތަކެތި މާލެއަށް ވަނީ ގެނެސްފަ އެވެ.

މުޣުނީ ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ކުދިކުދި ބައެއް ސާމާނު ހިމެނޭ އިތުރު ޝިޕްމަންޓެއް މި މަހުގެ ފަހުކޮޅުގައި އަންނާނެ ކަމަށެވެ. އަދި މަޝްރޫއު އަވަސް ކުރުމަށްޓަކައި ކޮންޓްރެކްޓަރާ މަޝްވަރާކޮށްގެން، އަމަލީ މަސައްކަތުގައި އުޅޭ މީހުންގެ އަދަދު އިތުރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމަކާއެކު ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ މިއަންނަ އަހަރުގެ ކުރީކޮޅުގައި މަޝްރޫއު ނިންމާލުމަށެވެ. މި މަޝްރޫއާއެކު އެ ވަގުތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދަން ސްޓެލްކޯއިން ކުރިން ގެންގުޅުނު ވިސްނުމާއި ޑިސްޓްރިބިއުޝަން ސިސްޓަމުން ދުރަށް ޖެހި، ޒަމާނީ އަދި މިހާރު ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދޭ ނެޓްވޯކް ސިސްޓަމަކަށް މާލޭ ސަރަހައްދުގެ ޕަވާ ޖެނެރޭޝަން ބަދަލުވެގެންދާނެ އެވެ.

comment ކޮމެންޓް