ބޮޑެތި ތަރިންތަކަށް ކޮވިޑް ރިލީފް ލޯން ދިން މައްސަލައެއް ފެންމަތިވެއްޖެ

ފޭޒް ކްލޭން އާއި މިސްޓަބީސްޓް : ދެ ޔޫޓިއުބަރުންނަށްވެސް ވަނީ ބޮޑު އަދަދެއްގެ ލޯނު ދީފައި ---

އެމެރިކާގައި ބޮޑު އާމްދަނީ ލިބޭ ސޯޝަލް މީޑިއާ ތަރިންތަކަކަށް ކޮވިޑް-19 ރިލީފް ލޯނު ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކޮވިޑް-19 ރިލީފް ލޯން އަކީ އެމެރިކާގައި ކުދި ވިޔަފާރިތަކަށް ކޮވިޑްގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ ލޯނު ސްކީމެކެވެެ.

އެ ލޯނު ސްކީމުގެ ދަށުން ޔޫޓިއުބްގެ ބައެއް ބޮޑެތި ނަންތައް ކަމަށްވާ "މިސްޓަބީސްޓް" އާއި ޖެފްރީ ސްޓާ އަދި "ފޭޒް ކްލޭން" ހިމެނެއެވެ. އެފަރާތްތަކަށް ނިސްބަތްވާ ބައެއް ކުންފުނި ތަކަށް ވަނީ ޕޭޗެކް ޕްރޮޓެކްޝަން ޕްރޮގްރާމް (ޕީޕީޕީ)ގެ ދަށުން އެކި އަދަދުގެ ލޯނުތަކެއް ދޫކޮށްފައެވެ.

ޕްރޯ ޕަބްލިކާ ޑޭޓާބޭސް އިން ދައްކާގޮތުގައި މިސްޓަބީސްޓްއަށާއި ޖެފްރީ ސްޓާ އަށް ވަނީ 350،000 އާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހިމެނޭ ލޯނުތަކެއް ދޫކޮށްފައެވެ. އަދި ފޭޒް ކްލޭންއަށް ވަނީ އެއް މިލިއަނާއި ދެ މިލިއަން ޑޮލަރާ ދެމެދުގެ ލޯނުތަކެއް ދޫކޮށްފައެވެ.

ޕީޕީޕީގެ ދަށުން ދޫކުރާ އެ ލޯނަކީ ކޮވިޑްގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ އަދި ވަމުންދާ ވިޔަފާރިތައް ބަލަހައްޓައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ލޯނު ސްކީމެކެވެ. އެ ސްކީމުގެ ދަށުން ނަގާނީ އެއް ޕަސެންޓުގެ އިންޓްރެސްޓްއެވެ. އަދި ވިޔަފާރިއަކީ ލޯނު ދިނުމުގެ އެންމެ މުހިއްމު ޝަރުތުތައް ހަމަވާ ވިޔަފާރިއަކަށްވާނަމަ އެ ލޯނު އެއްކޮށް މައާފުކޮށްދިނުމުގެ ފުރުސަތުވެސް އެ ސްކީމުގެ ދަށުން އޮވެއެވެ.

އެހެންކަމުން އެތައް މިލިއަނުން އާމްދަނީ ހޯދަމުންދާ ތަރީންނަށް އެފަދަ ލޯނު ސްކީމެއް ފާސްކޮށްދީފައި އޮތުމުން އެތައް ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކޮށް އެކަމަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް