ކޮވިޑް ޖެހޭ މީހުންދެކެ ރުޅިނާދޭ، ބަލި ޖެހުމަކީ ކުށެއް ނޫން

މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭކަން ފާހަގަވާ ކަމަށާއި، ބަލި ޖެހޭ މީހުންނާމެދު ރުޅިވެރިކަން ބާއްވާ މީހުން މަދުން ނަމަވެސް އުޅޭކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ކޮވިޑަށް ޕޮޒިިވްވާ މީހުންނާ އަދި ބައެއް ފަހަރު އެމީހުންނާ ކޮންޓެކްޓުވާ މީހުންނާ މެދުވެސް އަދި އެމީހުންގެ އާއިލާތަކާ މެދުވެސް ތަފާތު ކުރުން ގެންގުޅުމާ އަދި އެމީހުންނަށް ރުޅިވެރިކަން އަމާޒުކުރާ ކަން އަޅުގަނޑުމެންނަށް މިހާރު ކޮންމެވެސް ވަރަކަށް ފެންނަމުން އެބަދޭ. އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ ބަލި ޖެހުމަކީ މީހަކު ކުށްވެރިވާ ނުވަތަ ތަފާތުކުރަން ޖެހޭ ކަމެއް ނޫން. އެއްވެސް ބައްޔެއް ޖެހުމަކީ. ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިއަދު ބަލިޖެހުނު މީހަމާ މެދު ތަފާތުކުރުން ގެންގުޅެފައި މާދަމާ އަޅުގަނޑުމެން ނަށްވެސް ބަލިޖެހިދާނެ. އަޅުގަނޑުމެންނަށް ބަލިޖެހޭ ދުވަހަކު، އާއިލާ މީހަކަށް ބަލިޖެހޭ ދުވަހަކު އަޅުގަނޑުމެން ބޭނުމެއް ނުވާނެ މީހަކު އަޅުގަނޑުމެންނާ ދޭތެރޭ އެގޮތަށް އަމަލު ކުރާކަށް. ތަފާތު ކުރާކަށް، ރުޅިވެރިކަމާއެކު މުއާމަލާތް ކުރާކަށް،"

ޑރ. ނަޒްލާ ވިދާޅުވީ ތަފާތުކުރުން ގެންގުޅުމާއި ބަލި ޖެހޭ މީހުންނާމެދު ގެންގުޅޭ ރުޅިވެރިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވާ ކަމަށެވެ.

"ވިސްނަންވީ އެކަކު އަނެކަކަށް ވީހާވެސް އޯގާތެރިވުމަށް ބަލިވެއްޖެނަމަ ނަފްސާނީ ގޮތުންވެސް އެހީތެރިވެދީ އެމީހަކާއެކު ތިބިކަން އަންގައިދޭން،" ޑރ. ވިދާޅުވި އެވެ.

ބަލިން އަރައިގަނެވޭނީ މުޖުތަމައު އެކަތެގަނޑަކަށްވެގެން މަސައްކަތް ކޮށްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް