ކެލާ މީހާގެ މަރަކީ ކޮވިޑު މަރެއް، އަދަދު 31 އަށް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ: ކުޅުދުއްފުށި ލައިވް

ކުޅުދުއްފުށީ ރީޖަނަ،ް ހޮސްޕިޓަލުގައި މަރުވު ހއ ކެލާ އަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހާގެ މަރަކީ ކޮވިޑު މަރެއްކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. މިއާއެކު ރާއްޖެއިން ކޮވިޑު 19 ގައި މަރުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ބުނީ ކެލާ ގައި ހޯމް ކަރަންޓީނުގައި ހުއްޓާ ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ 58 އަހަރުގެ އެ މީހާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މޭނޭޖާ އެޓް ހޮސްޕިޓަލް ސާވިސް އަހްމަދު ދާއޫދު މިއަދު "ސަން" އަށް ވިދާޅުވީ، ކެލާގައި ހޯމް ކަރަންޓީގައި ހުރި މީހަކު އިތުރު ފަރުވާއަށް އިއްޔެ އެ ރަށަށް ގެނައި ކަމަށާއި އޭނާ މަރުވެފައިވަނީ ރޭ 8:19 ގައި ކަމަށެވެ.

ދާއޫދު ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުންނަ މީހުނަށް ފަރުވާ ދިނުމަށް އެ ރަށުގައި ހާއްސަ ގެސްޓް ހައުސެއް ހަމަޖައްސާފައިވާނެ ކަމަށާއި އެ މީހާއަށް ވެސް ފަރުވާ ދީފައިވަނީ އެ ގެސްޓް ހައުސްގައި ކަމަށެވެ.

އޭނާ ކެލާގައި ހޯމް ކަރަންޓީނުގައި ހުރީ އިންޑިއާއިން ފަރުވާ ހޯދުމަށްފަހު އެނބުރި އެ ރަށަށް އައުމަށްފަހުއެވެ.

މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 8،741 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 6،157 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،549 މީހުން އެބައްތިއްބެވެ.

އޭގެތެރެއިން 1،096 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 139 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

comment ކޮމެންޓް