ކުޅުދުއްފުށި-ކޮޗިން ފެރީ މިމަހު ފަހުކޮޅު ފަށަނީ

ކޮޗިން-ރާއްޖެ ފެރީ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް މިމަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އިންޑިއާގެ ފެރީ ބޯޓެކެވެ.

"އިންޑިއާގެ ފެރީ ބޯޓެއް ދަތުރުތަކުގައި ބޭނުންކުރާނީ. އެ ބޯޓަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށް ވުރެ ބޮޑު ބޯޓެއް. އެހެންވެ ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރަން،" އެ މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވިއެވެ.

އޮފިޝަލް ވިދަޅުވީ ކުޅުދުއްފުށީ ބަނދަރުން މުދާ ބޭލުމަށްފަހު އެ ފެރީ މާލެއަށްވެސް ބަނދަރު ކުރާނެ ކަމަށެވެ.

"މިވަގުތު ހަމައެކަނި ކާގޯ ފެރީ އޮޕަރޭޓު ކުރާގޮތަށް އޮތީ،" މިނިސްޓްރީ އިން ބުންޏެވެ.

ކުޅުދުއްފުއްޓައި މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

https://www.sun.mv/142848

ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް