ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ "ރީޖަނަލް ކޮމެޓީ"ގެ 73 ވަނަ ބައްދަލުވުން މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މިބައްދަލުވުން ކޮވިޑް19 އާއި ގުޅިގެން މިއަހަރު ބާއްވަނީ ވާޗުއަލް ބައްދަލުވުމެއްގެ ގޮތުގައެވެ. މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހެލްތުގެ ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާއެވެ.

ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ސިއްހީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު ގަވަނަންސް ބައްދަލުވުމެވެ.

މިއަހަރުގެ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ކޮވިޑް19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ސިއްހީ ދާއިރާ ތަމްސީލްކުރައްވާ އެންމެ އިސްވެރިންގެ މަޝްވަރާ ކުރިއަށްދާނެއެވެ.

މީގެ އިތުރުން ކޮންމެހެން ފޯރުކޮށްދެންޖެހޭ ސިއްހީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ގައުމުތަކާއި ސަރަހައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެއެވެ. އަދި ކޮވިޑް19 އާދެކޮޅަށް މެންބަރު ގައުމުތަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މަސައްކަތް ކުރުމަށް ގަރާރެއް ފާސްކުރާނެއެވެ.

މީގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ސިއްހީ މައްސަލަތަކާއިގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ގައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ކުރާނެ މަސައްކަތްތައް ނިންމާނެއެވެ.

comment ކޮމެންޓް