ފައްޔާޒު މަގާމުން އެކަހެރިވުމަށް ރައީސް ނަޝީދު ރަސްމީކޮށް ދަންނަވައިފި

ރައީސް ނަޝީދު އަދި މިނިސްޓަރު ފައްޔާޒު

މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ކަމަށް ބުނާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އެ ދުވަސްވަރު މަޖިލީހުގެ ތެރެއިން ފަައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ވެސް މަސައްކަތްް ފެއްޓެވި އެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށް ޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ޒާތީ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ހަވާލުވެވަޑައިގަތް ހުންނެވި މިނިސްޓަރު އަލްއުސްތާޒް ފައްޔާޒް އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަ ކަމަށް މިދަންނަވަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން އަޅުގަނޑު ދެކޭއިރު މިޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކަ އެވެ. އަޅުގަނޑަކާއި އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެއޮންނާނެ އެވެ. އަދި މިވާހަކަ މިގޮތަށް މިދަންނަވަނީ ހަމައެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީމައްސަލައެއް އޮވެއެއްނޫނެވެ." ރައީސް ނަޝީދު ފޮނުއްވި ސިޓީގައިވެ އެވެ.

އެމްޑީޕީއަކީ ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކޭ، ރާއްޖޭގެ ދެބައިކުޅަ އެއްބައިހާ މީހުން ވޯޓުދޭ ޕާޓީއެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ނިމިދިޔައިރުވެސް އެ ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ، ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަން ކަމަށެވެ. އެ ސަރުކާރު ބަދަލުކޮށް، ވޭތުވެދިޔަ ހަތް އަހަރުވެސް އެމްޑީޕީއަށް ނިސްބަތްކޮށް ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށް އެ ސިޓީގައިވެ އެވެ.

މިނިސްޓަރު ފައްޔާޒު ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި މިނިސްޓަރު ފައްޔާޒަކީ އެމްޑީޕީގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫނެވެ. ޕާޓީ އިން އަޅުގަނޑާއި ހަވާލުވެފައިވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަމިކުރަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރ ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަލުގަނޑު އިލްތިމާސް ދަންނަވަމެވެ." ނަޝީދުގެ ސިޓީފުޅުގައިވެ އެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވޯޓު ހޯއްދަވަން ނޫން ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ނުގުތާއަށް ޕާޓީގެ ހުރިހާ މެމްބަރުންވެސް ވިސްނުމަށް އެދިވަޑައިގަތެވެ.

ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި އެ ސީޓީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ފެންނާނެ ގޮތް ހެއްދުމަށްވެސް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑު އެދެނީ، އަޅުގަނޑުގެ މިސިޓީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް ފެންނާނެ ގޮތަކަށް ހަމަޖައްސަވައި ދެއްވުމެވެ." ނަޝީދު ފޮނުއްވި ސިޓީގައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދު ފައްޔާޒާ ދެކޮޅަށް ފާޅުގައި ނުކުންނަވާފައިވާއިރު، އެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި އޮތީ ހިޔާލު ތަފާތުވެފަ އެވެ. މީގެ ކުރިން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް