ހޯމް ކަރަންޓީނުގައި ހުރި މީހަކު ކުޅުދުއްފުށީގައި މަރުވެއްޖެ، ކޮވިޑަށް ޕޮޒިޓިވް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކުޅުދުއްފުށީގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި -- ފައިލް ފޮޓޯ: ކުޅުދުއްފުށި ލައިވް

ހއ. ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ހާލު ދެރަވަ ކުޅުދުއްފުށީގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ. އަދި އޭނާގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މޭނޭޖަރ އެޓް ހޮސްޕިޓަލް ސާވިސް އަހްމަދު ދާއޫދު 'ސަން' އަށް ވިދާޅުވީ، ހއ. ކެލާގައި ހޯމް ކަރަންޓީގައި ހުރި މީހަކު އިތުރު ފަރުވާއަށް އިއްޔެ އެ ރަށަށް ގެނައި ކަމަށާއި އޭނާ މަރުވެފައިވަނީ ރޭ 8:19 ގައި ކަމަށެވެ.

ދާއޫދު ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުންނަ މީހުނަށް ފަރުވާ ދިނުމަށް އެ ރަށުގައި ހާއްސަ ގެސްޓް ހައުސެއް ހަމަޖައްސާފައިވާނެ ކަމަށާއި އެ މީހާއަށް ވެސް ފަރުވާ ދީފައިވަނީ އެ ގެސްޓް ހައުސްގައި ކަމަށެވެ.

ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ހއ. ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ އަކީ ދާއިމީ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަން ދާއޫދު ފާހަގަކުރެއްވި އެވެ.

އެ މީހާ ކެލާގައި ހޯމް ކަރަންޓީނުގައި ހުރީ އިންޑިއާއިން ފަރުވާ ހޯދުމަށްފަހު އެނބުރި އެ ރަށް އައިސްފަ އެވެ.

comment ކޮމެންޓް