ފުވައްމުލަކުގައި ދަނޑުވެރިކަމަށް ދިން ބިމުގައި އެހެން މަސައްކަތްތައް ނުކުރަން އަންގައިފި

ފުވައްމުލައް ސިޓީ ---

ފުވައްމުލަކު ސިޓީގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކޮށްފައިވާ ބިންތަކުގައި ދަނޑުވެރިކަން ފިޔަވާ އެހެން މަސައްކަތް ނުކުރުމަށް އެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ދަނޑުވެރިން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިން ތަކަކީ ވަގުތީގޮތުން ދޫކޮށްފައިވާ ދަނޑުބިން ތަކެއް ކަމަށެވެ.

އެހެންކަމުން އެތަންތަނުގައި އެއްވެސް ފަރާތަކުން ދަނޑުބިންތަކުގައި އިންވަކި ކުރުމުގެ ގޮތުން ފާރުރޭނުމާއި ފެންސްޖެހުން އަދި ތަނބު ޖެހުން ފަދަ މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމުގައި ކައުންސިލުން ބުންޏެވެ.

އޭގެއިތުރުން ކައުންސިލުން ބުނީ، ދަނޑުބިމުގެ ތެރޭގައި ފަތްކެޔޮގަސްތައް އިންދުމަށް ބޮޑެތި ވަޅުތައް ނުކޮނުމަށެވެ.

ކައުންސިލުގެ ހުއްދައާ ނުލާ ދަނޑުބިންތަކުގައި އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށްވާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ވަނީ ދަނޑުވެރިންނަށް އިތުރު ފީއަކާ ނުލާ ބިން ދޫކޮށްފަ އެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ގިނަ ރަށްތަކެއްގައި ވަނީ ދަނޑުވެރިންނަށް ބިން ދޫކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެގޮތުން ބައެއް ރަށްރަށުގެ ދަނޑުބިމުގެ ކުލީގެ 50 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިިންމާފަ އެވެ. އަދި އަލަށް ދަނޑުވެރިކަން ފަށާ ފަރާތްތަކަށްވެސް އެކި ކަހަލަ ހާއްސަ އެހީތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް