ޓީޓީ އިންތިހާބުގައި އައްޔަގެ ޓީމަށް ބޮޑު ކާމިޔާބީއެއް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު (އައްޔަ) --- ސަން ފޮޓޯ// ފަޔާޒް މޫސާ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުކުރި އިރު ބާކީ މަގާމުތައްވެސް އޭނާގެ ޓީމުން ދިފާއުކޮށްފި އެވެ.

މިއަދު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިއަށް ދިޔަ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި 15 ކުލަބަކާއި، 272 މެންބަރުން ވޯޓުލާފައިވާ އިރު، ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމާއި ވާދަކޮށް އައްޔަ ރައީސްގެ މަގާމު ދިފާއު ކުރީ 155 ވޯޓު ހޯދައިގެންނެވެ. ތޯހާއަށް މިއަދުގެ އިންތިހާބުގައި ލިބިވަޑައިގަތީ 80 ވޯޓެެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ނައިބު ރައީސަކަށް ހޮވުނީ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އިބްރާހިމް ޝިއުރީ އެވެ. ޝިއުރީ އަށް ވަނީ 165 ވޯޓު ލިބިފަ އެވެ. އޭނާއާ ވާދަކުރި އަބްދުﷲ ޝަރީފަށް ލިބުނީ 71 ވޯޓެވެ.

މީގެ އިތުރުން ހަޒާންދާރުގެ މަގާމަށް ހޮވުނު އަޙްމަދު ޝާޒިލަށް 152 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުލަބު މެންބަރަކަށް ހޮވިވަޑައިގެންނެވި ޖާދުﷲ ހަސަން (ޖޭޑް) އަށް ވަނީ 12 ވޯޓު ލިބިވަޑައިގެންފައެވެ. އަދި ފަރުދީ އަންހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ޗެމްޕިއަން އައިޝަތު ސަމާހަތު ބިންތި ފިރާގަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަރުދީ ފިރިހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ބައިނަލްއަގުވާމީ އަމްޕަޔަރު އައްޒާމް އިބްރާހިމަށް ވަނީ 154 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެސޯސިއޭޓް މެންބަރަކަށް ހޮވިވަޑައިގެންނެވި ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔާ އިސްމާއިލް ޝުޖާއުއަށް ވަނީ 144 ވޯޓު ލިބިވަޑައިގެންފައެވެ.

އައްޔަގެ ޓީމަށް ފުރިހަމަ އަގުލަބިއްޔަތާ އެކު އެކްސްކޯގެ ހުރިހާ މަގާމެއް ލިބުނު އިރު، އިންތިޚާބުގެ މައްސަލަތަކެއް ފެންމަތިވެ ކޯޓަށްވެސް ވަނީ ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ވައްދާފައެވެ. ޓޭޓީ އެސޯސިއޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

އަލިބެ ބުނި ގޮތުގައި އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅުމަށް ފަހު ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނަމަ ޓީޓީގެ ބައިނަލް އަގުވާމީ މައި އިދާރާ، އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ބުނެ މިހާރު ވަނީ ދެފަހަރެއްގެ މަތިން އިންޒާރު ކޮށްފަ އެވެ. އަދި މިއަދުގެ އިންތިހާބު ނުބޭއްވިއްޖެ ނަމަ ރާއްޖެއަށް އެ އިދާރައިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް