ހޯނޑެއްދުއިން ހާލުބޮޑުވި ދެ ކޮވިޑު ބަލިމީހުން ވިލިނގިލި ފެސިލިޓީއަށް ބަދަލުކުރަނީ

ގދ. ހޯނޑެއްދޫ.

ގދ. ހޯނޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލުދެރަވި ދެ މީހަކު މިރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 އަށް ފަރުވާ ދޭ ސެންޓަރަށް ބަދަލުކުރަން ނިންމައިފި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "ސަން" އަށް ވިދާޅުވިގޮތުގައި ހޯނޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"މިރޭގެ ވަގުތެއްގައި ބަދަލުކުރުމަށް ހަމަޖެހިފައިވަނީ. ސީދާ ވަގުތެއް އަދި ނޭނގެ. އުމުރުން 70 އަހަރަށް ވުރެ މަތި ހާލު ދެރަ ދެ މީހަކު އެއީ ހޯނޑެއްދޫއިން ޕޮޒިޓިވްވި. ދެމަފިރިއަކު އެއީ،" ޝަރީފް ވިދާޅުވި އެވެ.

ވިލިނގިލީގައި ޖުމްލަ 23 އެނދުގެ އައިސީޔޫ ފެސިލިޓީއެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ފެސިލިޓީގައި ގއ. ދާންދޫއިން ޕޮޒިތިވްވި ދެ މީހަކަށްވެސް ދަނީ ފަރުވާދެމުންނެވެ.

ހޯނޑެއްދުއިން ފުރަތަމަ ފެނުނު ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.

އޭގެ އިތުރުން ނެގުނު ރެންޑަމް ސާމްޕަލްތަކުން އިތުރު ދެ ކޭސް އެއް ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ފެނިފައެވެ. އަދި އެ ދެ ކޭސްއާ ގުޅުންހުރި 19 ކޭސް އެއް އޭގެ ފަހުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހުވެސް ވަނީ ފެނިފައެވެ.

އެ ރަށުން މިހާތަނަށް ޖުމްލަ 25 ކޭސްއެއް ވަނި ފެނިފައެވެ. ރަށް އަދިވެސް އޮތީ މޮނިޓަރިންގް ހާލަތުގައެވެ.

ގދ. ހޯނޑެއްދުއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި މިހާތަނަށް ނެގި ސާމްޕަލްތަކުން ބަލީގެ އަލާމާތްތައް ހުރި 60 މީހަކު ފެނިފައިވާ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

"މީގެތެރޭގައި ބަލީގެ އަލާމާތްތައް ހުރި 60 މީހެއް ހިމެނޭ. އޭގެތޭރެގައި އުމުރުން 50 އަހަރުން މަތީގެ ހަ ފަރާތެއް. އަދި އެއް އަހަރުން ދަށުގެ ދެ ކުދީން ހިމެނޭ،" ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް