އެޗްއާރްސީއެމްގެ މެމްބަރުކަމަށް ތިން ބޭފުޅަކު އައްޔަންކޮށްފި

އެޗްއާރްސީއެމްގެ މެމްބަރުން އައްޔަންކުރުން -- ފޮޓޯ/ ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް، ރައީށް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެޗްއާރްސީއެމްގެ މެމްބަރުން އައްޔަންކުރައްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، ރާއްޖޭގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ރައީސް މިއަދު އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ:

އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް / ސ. ފޭދޫ، ޑޯރެންސީވިލާ،

މުއުމިނާ ވަހީދު / މ. ޖިއެނާ،

ޑރ. އަހްމަދު އަދުހަމް އަބްދުﷲ / މއ. މާވެޔޮގެ

މި ތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާއަތު އަބްދުއްރައްޒާގަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓާސް އޮފް ކްރިމިނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެޗްއާރްސީއެމްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

ޑރ. އަހްމަދު އަދުހަމް އަބްދުﷲ، އަކީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގް އިން ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވާ ވޭފުޅެކެވެ. އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް