"އެނގިލަމާ" ގެ ޕްރޮގުރާމެއް ދ. މީދޫއަށް

މ. މުލީގައި ބޭއްވި އެނގިލަމާ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ//ޔޫތް މިނިސްޓްރީ

އަތޮޅުތެރޭގެ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެހުމަށާއި، ޒުވާނުންނަށް ހާއްސަ ލައިފްސްކިލްތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން ގެންދާ ސިލްސިލާ ޕްރޮގުރާމެއް ކަމަށްވާ "އެނގިލަމާ" ގެ ޕްރޮގުރާމެއް ދ. މީދޫގެ ޒުވާނުންނަށް ބާއްވަން ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރައިގެ ޔޫތު ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މި ސެޝަނަކީ ޒުވާނުން މުޖުތަމައުގައި ބާރުވެރިކުރުމަށާއި، އަތޮޅުތެރޭގައި ތިބި ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އެގޮތުން މިހާތަނަށް 13 ރަށެއްގެ ޒުވާނުންނަށް ހާއްސަކޮށްގެން މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.

މި ހަފުތާގެ ބުރާސްފަތި ދުވަހު ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދާ މި ސެޝަނުގައި މީދޫގެ ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް ޔޫތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން މި ޕްރޮގުރާމުތަކުގައި ބައިވެރިވާނީ ލައިފްސްކިލްސް ދާއިރާގެ ސާޓިފައިޑް ތަޖުރިބާކާރުން ކަމަށާއި، ޕްރޮގުރާމުގައި ބައިވެރިވާ އެންމެންނަށް ވެސް ބޭނުންވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުޅިވަރުގެ ޑިޕާޓްމެންޓުގެ އިތުރުން ޒުވާނުން މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ޔޫތް މިނިސްޓްރީން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގެ ޒުވާނުންނަށް ހާއްސަކޮށްގެން މީގެ ކުރިން ވެސް ގިނަ ޕްރޮގުރާމްތަކެއް ހިންގާފައިވާ އިރު، މިނިސްޓްރީގެ މެންޑޭޓުގައި ކިރިޔާވެސް ހިމެނޭ ކަމެއްގައި ޒުވާނުންނަށް ވެދެވެން ހުރި އެހީތެރިކަމަކާއި، އެއްބާރުލުމެއް ދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް