ކޮންމެ ކުލަބެެއްގައި އަންހެން ޓީމެއް އޮތުން ލާޒިމް ކޮށް، ލީގު ފަށަނީ!

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބެއްގައި އަންހެން ފުޓުބޯޅަ ޓީމެއް އޮތުން ލާޒިމް ކުރަން ނިންމާފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުން އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު އެފްއޭއެމުން އެއްބަސްވުމެއް ހަދާފައިވާ އިރު އަންނަ ހަފުތާގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

އެ އެއްބަސްވުމުގައި އެފްއޭއެމުން މިދިޔަ ދައުރުގައި އެންމެ ބޮޑަށް އަޅާ ނުލެވި އޮތް އަންހެން ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން ކޮންމެ ކުލަބެއްގައި ވެސް އަންހެން ފުޓުބޯޅަ ޓީމެއް އޮތުން ލާޒިމް ކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ރޭ ރާއްޖެޓީވިން ގެނެސްދިން "ކުޅިވަރު ފައިލް" ގައި ވާހަކަ ދައްކަވަމުން ވިިދާޅުވެފަ އެވެ.

"ނިމުނު ދައުރުގައި ނުނިމި ހުރީ ކޮންކޮން ކަންކަމެއްތޯ ބަލަން އަޅުގަނޑުމެން ދިރާސާތަކެއް ވެސް ހެދުމުގެ މަސައްކަތް ކޮށްފިން. އޭގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް މި އަންނަނީ، އަންހެން ފުޓުބޯޅައިގައި އަޅުގަނޑުމެން އެދެވޭ ވަރަށް ހަމަ މަސައްކަތް ނުކެރިވި އޮތްކަން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިން ބާއްވަން އުޅުނު އަންހެން ލީގުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ނުބޭއްވިދިޔަ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގައި އެންމެ ބޮޑު އެއް ވިސްނުމަކީ، ކޮންމެ އަހަރަކުވެސް އަންހެން ލީގެއް އޮވެގެން ދިއުން ކަމަށެވެ.

"އެގޮތުން މިހާރު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ކުލަބުތަކާ އެކު އަޅުގަނޑުމެން ސޮއި ކުރެވިގެންދާނެ ކޮންޓްރެކްޓެއްގައި. އެ ކޮންޓްރެކްޓުގައި މިއޮންނަނީ، އަންހެން ޓީމެއް އޮތުން ލާޒިމް ކޮށްފައި. އަދި 16 އަހަރާއި 18 އަހަރުގެ ޓީމުތަކެއް ވެސް އޮންނަން ޖެހޭ ގޮތަށް."

ބައްސާމް އިތުރަށް ވިދާޅުވީ އުންމީދަކީ މި ފެށޭ އަހަރުގެ ތެރޭގައި ފުރަތަމަ ޑިވިޝަން ލެވެލްގައި އަންހެން ލީގެއް ފަށައިގެން ފޯރީގައި ކުރިއަށް ގެންދެވުން ކަމަށެވެ.

"ޓްވޯޑްސް ފިއުޗާ އެފްއޭއެމް ފައިނޭޝިއަލް އެސިސްޓެންސްގެ "ގެ ދަށުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް 24 މިލިއަން ރުފިޔާ އެފްއޭއެމުން ދޭނެ އެވެ. އެއީ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ އެވެ. އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން މިއަދު ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބާއެކުވެސް އެގްރިމެންޓްގައި ސޮއި ކޮށްފަ އެވެ.

އަށް ކުލަބުގެ ތެރޭގައި ހިމެނެނީ، މިދިޔަ އަހަރު ދިވެހި ލީގްގައި ވާދަ ކޮށް ފުރަތަމަ ޑިވިޝަންގައި ދެމި އޮތް ހަ ކުލަބުގެ އިތުރުން މިިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ކުލަބު ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޓީމުގެ ގޮތުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) އެވެ. މިދިޔަ އަހަރު ލީގްގައި ސަސްޕެންޝަނާ ހަމައަށް ދިޔައިރުވެސް ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބު ވަނީ ރެލިގޭޓް ވެފަ އެވެ. ދިވެހި ލީގްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު، ނިއު ރޭޑިއަންޓް ވަނީ މިދިޔަ ސީޒަން ފެށުމުގެ ފަސް މަސް ކުރިން ސަސްޕެންޑް ކޮށްފަ އެވެ.

އެ ދެ ކުލަބު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ ހުރުމުން، އެ މައްސަލަ ބެލުމަށް ފަހު މުސާރަ ދިނުމަށް، ތަކުރާރުކޮށް ދިން މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މުސާރަތައް އެ ކުލަބުތަކުން ހަމަޖައްސައިދީފައި ނުވުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.

comment ކޮމެންޓް