ބޮޑު ހާޖާނަކަށް ފަހު މެސީ އެނބުރި ބާސާގެ ފަރިތަކުރުންތަކަށް

ބާސެލޯނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނީ --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ، އެކުލަބުގެ ކުރީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހެދި ލިއޮނެލް މެސީ އަލުން ޓީމު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.

އެ އަދަދަށް މިވަގުތު އެއްވެސް ކުލަބަކަށް ފައިސާ ނުދެއްކޭނެ ކަމަށާއި، ބާސެލޯނާ ގޮވައިން ކޯޓަށް ގޮސްގެން ކުލަބުން ވަކިވާން ބޭނުން ނުވާ ކަމަށް ބުނެ މެސީ ވަނީ ދާދި ފަހުން ކުލަބުގައި އަންނަ ސީޒަން ނިމެންދެން މަޑުކުރާނެ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

މެސީއާއި، ބާސެލޯނާއާ ދެމެދު ހިނގި ބޮޑު ހާޖާނަށްފަހު މެސީ މިހާރު ވަނީ ރަސްމީކޮށް ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ނިމިގެން ދިޔަ ސީޒަނުގައި ލިބުނު ބޮޑު ނާކާމީޔާބީއާ އެކު ކުލަބުގެ މެނޭޖްމެންޓަށާއި، ސްކޮޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ޖޯސެޕް ބާޓެމިއު ބުނެފައިވާ އިރު، ގިނަ ކުޅުންތެރިންތަކަކަށް އެހެން ކުލަބެއް ހޯދުމަށް އަންގާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުންވަނީ ބުނެފަ އެވެ.

ނެދަލެންޑްސްގެ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ބާސާއިން ތައްޔާރުވަމުން އަންނައިރު، ބާސާއިން ލީގުގައި ފުރަތަމަ މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހެވެ. އެ ދުވަހު ބާސާ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.

comment ކޮމެންޓް