ޔޫއެފާ ނޭޝަންސް ކަޕް: ނެދަލެންޑްސް ބަލިކޮށް އިޓަލީ އެއްވަނައަށް

ނެދަލެންޑްސް އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 1-0 ން - ލައިވް ސްކޯ

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑް ބަލިކޮށް އިޓަލީ ގްރޫޕް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ނެދަލޭންޑްގެ ޔޫހާން ކައިރަފް އެރީނާގައި ރޭ ކުޅުނު އެ މެޗުން އަވޭ ޓީމު ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީ ގްރޫޕްގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ޕޮލެންޑް ވަނީ 2-1 ން ބޮސްނިއާ ބަލިކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވި ނެދަލޭންޑްއަށް ރޭގެ މެޗުގައި ތަފާތު ދެއްކިފައި ނުވާ އިރު މެޗުގެ ބޮޑުބައި ޑޮމިނޭޓް ކުރީ އިޓަލީންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ވަނީ މެޗަކުން ބަލިނުވެ 16 މެޗު ފުރިހަމަ ކޮށްފަ އެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ސީޒަނުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އަތުންނެވެ.

ރޭގެ މެޗު ޖެހި ހަމައެކަނި ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބަރެއްލާ މި ގޯލު ޖެހީ ނެދަލެންޑްސްގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ނޭތަން އަކޭ ކައިިރިން އަރައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެއަށްފަހު ދެވަނަ ހާފުގައި ނެދަލެންޑްސްއިން ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުން ވަނީ ނެދަލެންޑްސް ހުއްޓުވާފަ އެވެ. އަދި މި މެޗު ނިމެން ގާތްވެފައި ވަނިކޮށް އިޓަލީގެ ފޯވާޑް މޮއިސް ކީންއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ނެދަލޭންޑްގެ ކުރީގެ ކޯޗު ރޮނާލްޑް ކޫމަން އެ ޓީމު ދޫކޮށް ސްޕެއިނުގެ ބާސެލޯނާއާއި ހަވާލުވެފައިވާ އިރު، ވަގުތީ ގޮތުން ނެދަލޭންޑުގެ ކޯޗުކަމާ ހަވާލުވެ ހުރީ، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކުރިން ނެދަލޭންޑުގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކަން ކޮށްދިން ޑްވައިޓް ލޮޑްވެޖެސް އެވެ.

comment ކޮމެންޓް