ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިނާ ހިލާފަށް އިދިކޮޅުން މާލޭގައި ބޭއްވި އެއްވުމަކާ ގުޅިގެން މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. ވަހީދު މީގެ ކުރިން ފުލުހަށް ހާޒިރު ކުރެއްވުމުން އެއްވެސް އެއްޗެއް ވިދާޅުނުވެ ވަނީ ހަނު ހުންނަވާފަ އެވެ. އަދި އިތުރަށް އެ މައްސަލައިގައި ކުރިއަށް ދާނީ ވަކީލަކު ހަމަޖެއްސުމަށް ފަހުގައި ކަމަށް އޭރު ޑރ. ވަހީދު ވަނީ ވިދާޅުވެފަ އެވެ.
މިފަހަރު ޑރ. ވަހީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގަވާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. އެކަން ޕީޕީއެމުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މަގުމަތީގައި އުޅޭ އިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ފަސް މީހުނަށް ވުރެން ގިނަ އިން އެއްވުމަކީ ވެސް މަނާ ކަމެކެވެ.
ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވައި އެ ދެ ޕާޓީގެ އޮފީސް ކުރިމައްޗަށް އެއްވެފަ އެވެ. އަދި ސައިކަލް ބުރުގެ ތެރޭގައި ބައެއް މީހުނާއި ލީޑާޝިޕްގެ ބޭފުޅުން މާސްކް ތިރިކޮށްގެން ހުރި ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
އެގޮތުން ޑރ. ވަހީދު ވާހަކަފުޅު ދައްކަވަން ގެންދެވިއިރު، ހުންނެވީ މާސްކު ނާޅުއްވަ އެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.
އެކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ޖޫރިމަނާ ވެސް ކޮށްފަ އެވެ.