ކޯޅުންގަނޑާ އެކު ވެސް ޓީޓީގެ އިންތިހާބު މިއަދު ބާއްވަނީ

ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ --- ޓޭބަލް ޓެނިސް އެސޯސިއޭޝަން

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން އިއްޔެ ނިންމުމާ ގުޅިގެން މިއަދު އިންތިހާބު ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން އިއްޔެ ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި އަލިބެ ވަނީ އިންތިހާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދިފަ އެވެ.

ނަމަވެސް މިއަދު ޓީޓީ އެސޯސިއޭޝަނުން ބާއްވާ އިންތިހާބު ފަސްކުރުން، ނުވަތަ ބޭއްވުން މަނާ ކުރެވޭނެ ހާލަތެއް ނެތްކަމަށް ބުނެ ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެއާ އެކު މިއަދު ބޭއްވުމަށް ކުރިން ވެސް ތާވަލުކޮށްފައި އޮތް އިންތިހާބު ކުރިއަށް ދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.

އަލިބެ ބުނި ގޮތުގައި އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅުމަށް ފަހު ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނަމަ ޓީޓީގެ ބައިނަލް އަގުވާމީ މައި އިދާރާ، އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ބުނެ މިހާރު ވަނީ ދެފަހަރެއްގެ މަތިން އިންޒާރު ކޮށްފަ އެވެ. އަދި މިއަދުގެ އިންތިހާބު ނުބޭއްވިއްޖެ ނަމަ ރާއްޖެއަށް އެ އިދާރައިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ.

ކަން އެހެން އޮތުމާއެކު މިއަދު ކުރިން ތާވަލު ކުރި ގޮތަށް ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި ޓީޓީގެ އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެއްޓަރީ އިސްމާއިލް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

ޝުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. މީގެ އިތުރުން ސުޖާއު ވިދާޅުވީ، ޓީޓީގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިގެން އުޅޭ ފަރާތްތަކަކީ، އެ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅޭ ފަރާތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ.

comment ކޮމެންޓް