މަޖިލީހަށް ލުމުގެ ބަދަލުގައި ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަނީ

ރައީސް ނަޝީދު އަދި މިނިސްޓަރު ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވި މިންވަރަށް ސޮއި ހަމަނުވެ އޮތުމުން އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައްވާނެކަމުގެ އިޝާރާތެއް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ، ފައްޔާޒުގެ މިނިސްޓަރުކަމުުން ދުރުކުރުމަށްޓަކައި އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށްޓަކައި މިދިޔަ މަހުގެ ކުރީކޮޅު އެމްޑީޕީގެ ތެރެއިން މަސައްކަތް ފެށިއެވެ. ނަމަވެސް މަޖިލީހުގެ ދެވަނަ ދައުރު ނިމި އާދީއްތަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔަ އިރުވެސް އެ މައްސަލަ މަޖިލީހަށް ވައްދާފައެއް ނުވެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިހަ މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅޭ ނަމަވެސް ފައްޔާޒުގެ މައްސަލައިގައި އެމްޑީޕީއިން ބޭނުންވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕު ނެރެން ބޭނުންވާ އަދަދު ކަމުގައިވާ 32 މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ވައްދާށެވެ.

އިއްޔެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވަނީ 30 މެމްބަރުން ކަމަށެވެ.

"އަޅުގަނޑު އެދެނީ 35 މެމްބަރުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާއަށް އަދި ގައުމީ މަޖިލީހަށް ހުށަހަޅަން. އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅުވާނީ ޕާޓީތެރެއިން،" ޗުއްޓީގައި މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝިދު ވިދާޅުވިއެވެ.

އޭގެ އިތުރުން ފައްޔާޒު ދުވަސްކޮޅަކަށް ޕާޓީއަށްޓަކައި "ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ"ކަމަށް ރައީސް ނަޝިދު އެދިވަޑައިގެންނެވިއެވެ. އަދި ޚުދު ރައީސް ނަޝީދުވެސް ޕާޓީއަށްޓަކައި ފަހަތަށް ޖެހެންވީ ވަގުތުތަކުގައި އެކަން ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ބަހުގެ ހަމަލާތައް ފޮނުއްވާފައެވެ. އެގޮތުން ފައްޔާޒަށް "ބްރޯ" ހެދިގެން ނޫޅެވޭނެކަމަށާއި ފައްޔާޒުވެސް އުޅުއްވަން ޖެހޭނީ ނިޒާމުގެ ތެރެއިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާޙިމް އިސްމާއިލްގެ ކޮއްކޮ ފައްޔާޒު ވިދާޅުވާ ގޮތުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމުގެ ޖާގަ އޮތުމަކީ ރާއްޖޭގައި ޑިމޮކްރެސީ ހަރުދާނާވެފައި އޮތް ކަމުގެ މިސާލެކެވެ.

އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އެބައޮތް ކަމަށާއި ފައްޔާޒު ދިފާއުކުރައްވާނެ ކަމަށެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

comment ކޮމެންޓް