އޭޑީބީ މަޝްރޫއާ ގުޅިގެން ރައީސް ނަޝީދުގެ ތުހުމަތުތައް އަމީރާއި އޭސީސީއަށް

އޭސީސީގެ ރައީސް އާއި މަޖިލިސް ރައީސް ނަޝީދު އަދި މިނިސްޓަރު ފައްޔާޒު ---

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ފަންޑުކޮށްގެން އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފިނޭންސް މިނިސްޓަރު އަމީރާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އޭޑީބީގެ އެހީއާއެކު ގެންދާ އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދެވޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ގާއިމުކުރާ ސިންގަލް ވިންޑޯ މަޝްރޫއަކީ، މިދިޔަ އަހަރުގެ އެޕްރީލް މަހު ބީލަމަށް ހުޅުވާލައި އެ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ އެވޯޑުކޮށްފައިވާ މަސްރޫއެކެވެ. އެ ބީލަން ކާމިޔާބުކުރީ ވެބް ފޮންޓެއިން އޭޝިއާ އިންކް -ފިލިޕީންސް އެވެ. އެފަރާތާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގަ އެވެ.

އެ މަޝްރޫއުގެ ތެރޭގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ މަޝްރޫއު މަޑުޖައްސާލަން އެޑީބީން ސަރުކާރަށް އަންގާފައިވާ ކަމަށް ވަނީ މީޑިއާގައި އަޑުތައް ފެތުރިފަ އެވެ. ނަމަވެސް އެކަން ފިނޭންސް މިނިސްޓްރީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދޮގުކޮށްފަ އެވެ.

އޭޑީބީގެ އެހީއާއެކު ގެންދާ މި މަޝްރޫއާ ގުޅޭ ގޮތުން މިއަދު މެންދުރު އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ވަނީ ވާހަކަ ދެކެވިފަ އެވެ.

އެ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އަދި އެ ސްކްރީން ޝޮޓްތަކުގެ ސައްހަކަން އެއް މަސްދަރަށްވުރެ ގިނަ މަސްދަރުތަކުން ވަނީ ކަށަވަރުކުރެވިފަ އެވެ.

އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އެ މަޝްރޫއޫ އެވޯޑް ކުރުމުގެ ކުރިން އެ މައްސަލަ އޭސީސީއަށް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އޭސީސީން އެމައްސަލަ ނުބަލައި، ދޫކޮށްލުމުން އޭރު އެ މަޝްރޫއު އެވޯޑް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ މަހު އޭޑީބީން އެ މަޝްރޫއު ހުއްޓާލުމަށް އެދުނު، އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ޑިމާންޑް ކުރަނީ އަލުން ބިޑް ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއަށްފަހު ރައީސް ނަޝީދަށް މީހަކު ފޮނުވި މެސެޖެއް އެ ގުރޫޕަށް އެމަނިކުފާނު ފޯވާޑް ކުރެ އެވެ. އެ މެސެޖްގައި ބުނަނީ އެ މަޝްރޫއު އެވޯޑް ކޮށްފައިވަނީ ގަތަރުގެ ކުންފުންޏަކަށް ކަމަށާއި އެހެން ނަމަވެސް ހަގީގަތުގައި އެ މަޝްރޫއު އެވޯޑްކޮށްފައިވަނީ ފިލިޕިންސްގެ އާރުޑީ އައުޓްލެޓަކަށް ކަމަށް މެސެޖްގައި ބުނެ އެވެ. އަދި މަޝްރޫއޫ ބިޑް ކުރުމަށް އިވެލުއޭޝަން ހަދާފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނިލޮޖީ (އެންސީއައިޓީ)ގެ ޓީމަކުން ކަމަށެވެ. އަދި އެންސީއައިޓީގެ އެ ޓީމުން ފިލިޕިންސްގެ ކުންފުންޏާއެކު މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު ދެއްކެވި އެ ހުރިހާ ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ ގުރޫޕުގައި ރައްދު ދެއްވާ ވިދާޅުވީ ނަޝީދުގެ ވާހަކަތަކަކީ "ދޮގެއް" ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ، ފިލިޕިންސް ކުންފުންޏަށް އެ މަޝްރޫ އެވޯޯޑް ކުރިކަންވެސް އޭނާއަށް އެނގުނީ މީޑިއާއިން ކަމަށާއި ފިނޭސް މިނިސްޓްރީން ޓެންޑާ އިވަލުއޭޝަން މަރުހަލާގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެ މަރުހަލާއަކީ މިނިވަން ވަކި މަރުހަލާއެއް ކަމަށް އަމީރު ވިދާޅުވެ އެވެ.

"ކުރިއަށް އޮތްތާގައިވެސް ޕްރޮޖެކްޓް އެވަލުއޭޝަން އަދި އެހެން ކަންކަމުގައި މައްސަލަތައް ދިމާވާނެ. ނުބައިކޮށް އެވަލުއޭޝަން ބަޔަކު ހަދާފާވެ. އަދި ގޯސް ނިޔަތުގައިވެސް ކޮށްފާނެ. ހަމަ ގައިމުވެސް މިހާރު އެފަދަ މައްސަލަތައް ބެލި ފިޔަވަޅު އެޅޭ. ޕްރޮޖެކްޓް ކުރިއަށް ދާނީ އާ ޓެންޑާއާއެކު. އަދި މުޅި ޕްރޮސެސްގައި އޭޑީބީ ބައިވެރިވަފައިވޭ،" ރައީސް ނަޝީދުގެ ވާހަކަތަކައް ރައްދުދެއްވައި އަމީރު ވިދާޅުވި އެވެ.

https://sun.mv/142741

އަމީރު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ، "އަހަރެމެންނަކީ ކުޑަދިން ނޫން" ކަމަށާއި "ތިޔަ މަލާމާތްތައް ހުއްޓާލާ"އޭ އެވެ.

އަމީރު ވިދާޅުވީ، "ސަރުކާރުގެ ބޮލުގައި ވައްކަން އަޅުވަނީވެސް އެންމެން ވެގެން" ކަމަށެވެ. މިހާތަނަށް މި ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސް ތެރެއިން ސިސްޓެމެޓިކް ގޮުގައި ކޮރަޕްޝަން ނެތްކަމުގެ ޔަގީންކަން އަމީރު ދެއްވި އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން ހިންގާނަމަ އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް ވާދަ އާއި އެކި ކަންކަމުގެ ތެރޭގައި އެންމެން ވަގަށް ގޮވައި، އަމިއްލައަށް ހަލާކު ނޫންތޯ މިވަނީ،" އަމީރު ސުވާލު އުފެއްދެވި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ރައްދު ދެއްވައި ވިދާޅުވީ "އަމީރު، އަޅުގަނޑުގެ ބޮލުގައި ވައްކަން ނޭޅެނީ ވައްކަން ނުކުރާތީ. ތިބޭފުޅާ ދިމާލަށް ގނޖބއޭ ނުކިޔައެއްނު،" މިފަދައިންނެވެ.

އެ މެސެޖާ ގުޅިގެން އަމީރު ރައްދު ދެއްވާ ވިދާޅުވީ، "ރައީސް! އަޅުގަނޑު އެހެން ވިދާޅުވީ ކަންއޮތްގޮތް ހާމަ ކުރަން ކަމަށާއި އެއްވެސް ހާލެއްގައި މީހަކަށް އިނގިލި ދިއްކުރުމުގެ ނިޔަތުގައި ނޫން" ކަމަށެވެ.

ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި އަމީރު އޭޑީބީ މަޝްރޫއު އެގޮތަށް ކުރިއަށް ގެންދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެގޮތަށް ބޭނުންވުމުންނެވެ.

"އަމީރަށް ހިވީ، އަމީރު ވަރުގަދަ ވާނީ ފަޔާ ކޮޅުގައި ހުރީމަ ކަމަށް. ތީ ކުށް ހީއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެ މަޝްރޫއު އެވޯޑް ކުރުމުގައި ބަލަން ޖެހޭ ކަންކަން ނުބަލައި އޮތްކަން އެނގުނު ހިސާބުން ފިނޭންސް މިނިސްޓްރީން އެ މަޝްރޫއު ސަސްޕެންޑް ކުރަން އެންގި އެވެ. އަދި އޭޑީބީގެ ބައިވެރިވުމާއެކު އިވަލުއޭޝަން މަރުހަލާ ކުރިއަށް ގެންދިޔަކަން އަމީރު ވިދާޅުވަމުން ގެންދެވި އެވެ.

ނަމަވެސް އެވާހަކަތައް ގަބޫލު ނުކުރައްވާ ރައީސް ނަޝިދު ވިދާޅުވީ، އޭޑީބީން ބުނުމުންވެސް މިނިސްޓްރީން އެ މަޝްރޫއޫ ކުރިއަށް ގެންދިޔަ ކަމަށެވެ.

އަމީރު ވިދާޅުވީ، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެ މަޝްރޫއު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެކަން ސާފު ކުރުމަށް ބަޔާނެއް ނެރުއްވާނެ ކަމަށް އަމިރު ވިދާޅުވެ އެވެ.

މަޝްރޫއާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފައިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު ހުސައިން ހަމީމް ވިދާޅުވީ، މަސްރޫއުގެ ބީލަމުގެ މަރުހަލާއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު، މިނިސްޓްރީގެ އިސްނެގުމާ އެކު އެ މައުލޫމާތު އޭޑީބީގެ ސަމާލުކަމަށް ހަމަ އެ ދުވަހު ގެނެސްފައިވާ ކަމަށެވެ. އަދި ބީލަމުގެ މަރުހަލާއަށް ކޮށްފައިވާ ތުހުމަތުތަކަށް ބަަލައި ފިނޭންސް މިނިސްޓްރީން މަޝްރޫއުގެ ބީލަމުގެ މަރުހަލާގެ ރިވިއު އެސެސްމަންޓެއް ހެދުމަށް ފަހު އޭޑީބީއަށް ހުށަހަޅާނެކަން އެ ބޭންކަށް ވާނީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް