ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއަށް ޗައިނާ ނުވަންނާނެ: ސަފީރު

ފެބްރުއަރީ 4، 2020: ޗައިނާ ސަފީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިފަދައިން ވިދާޅުވެފައި މިވަނީ، ޕީޕީއެމް އާއި ޕީއެންސީއަށް ޗައިނާ ސަރުކާރުން ފައިސާ ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިކުރަން މަސައްކަތް ކުރާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ތުހުމަތުކުރައްވާފައި ވަނިކޮށެވެ.

ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާއިން އެންމެ ކުރިން ފެށިގެން ވެސް ގެންގުޅެނީ، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ގުޅުން ބަދަހިކުރުމުގެ ސިޔާސަތެއް ކަމަށާއި އެކަން ސާބިތުވެސް ކޮށްދީފައި ވާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ބަޔަކު ދައްކާ ދޮގު ވާހަކަތަކެއްގެ ސަބަބުން، ނުވަތަ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުޅޭ ކުޅިވަރުތަކުގެ ތެރެއަށް ޗައިނަ ވައްދަން އުޅުނު ނަމަވެސް، އެ ސިޔާސަތު ބަދަލުނުވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އިދިކޮޅުން އަންނަނީ ސަރުކާރުން އިންޑިއާއަށް ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ބުނެ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވެސް އަޑުއުފުލަމުންނެވެ.

އެ މައްސަލައިގައި އިދިކޮޅުން ވަނީ ރާއްޖޭގައި މުޒާހަރާ ވެސް ކޮށްފައެވެ. އަދި "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑީއާގައި ކެމްޕޭނެއް ވެސް ކުރިއަށް އެބަދެ އެވެ.

އެ ކެމްޕޭނާއެކު، ސަރުކާރަށް ތާއީދުކުރާ އަދި އެމްޑީޕީގެ ގިނަ ބަޔަކު ވަނީ އިންޑިއާ އާ އެއްކޮޅަށް ވެސް ކެމްޕޭނެއް ފަށައިފަ އެވެ.

comment ކޮމެންޓް