ކުޅުދުއްފުށީ މެޖިސްޓްރޭޓަކު މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީއިން ބަލަނީ

ޖޭއެސްސީގެ ބައެއް މެމްބަރުން މީގެ ކުރިން މައްސަލައެއް ބެއްލެވި ކޮމިޓީއެއްގައި --- ފޮޓޯ/ ޖޭއެސްސީ

ދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު އިބްރާހިމް ޝާހިދު މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 63 ވަނަ ބައްދަލުވުމުގައި ފަނޑިޔާރު އިބްރާހިމް ޝާހިދުގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އެ ފަނޑިޔާރުގެ މައްސަލަ ބަލަން ނިންމާފައި ވަނީ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ޖޭއެސްސީއިން ދަނީ އެކި ކަހަލަ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރަން ނިންމާފައިވާއިރު، އަނެއްބައި ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމާފައިވެ އެވެ.

comment ކޮމެންޓް