ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިން މޮޅުވި އިރު ޖަރުމަނު އެއްވަރު ވެއްޖެ

ސްޕެއިނާ ޔޫކްރޭން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ސްޕެއިން ކާމިޔާބު ކުރީ 0-4 އިން --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ނޭޝަންސް ލީގުގެ ދެވަނަ މެޗުތަކުގައި ސްޕެއިނުން ޔޫކްރޭނުގެ އަތުން ބޮޑު މޮޅެއް ހޯދި އިރު ސްވިޒްލޭންޑުން ޖަރުމަނު ހިފަހައްޓައިފި އެވެ.

ޔޫއެފާއިން މީގެ ދެ އަހަރު ކުރިން އަލަށް ތައާރަފު ކުރި ނޭޝަންސް ލީގުގެ ދެވަނަ ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު ރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ޔޫކްރޭން އަތުން 0-4 ގެ ބޮޑު ތަފާތަކުން ސްޕޭން މޮޅުވި އިރު ޖަރުމަނާއި ސްވިޒްލޭންޑް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ސްޕެއިނުގެ އެލްފްރެޑޯ ޑެ ސްޓެފަނޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުގެ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާ އިރު އުމުރުން 17 އަހަރުގެ ބާސެލޯނާއަށް ކުޅެމުން އަންނަ އަންސޫ ފާޓީ ވަނީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. އެއާ އެކު އޭނާ ވެގެން ގޮސްފައިވަނީ މި މިބުާރާތުގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެެރިޔާއަށެވެ.

އެ މެޗު ފަށައިގެން ތިންވަނަ މިނަޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ނިމިދިޔަ ސީޒަނުގައި ވެސް ރެކޯޑު އަދަދަކަށް ގޯލު ޖެހި ރާމޯސް ވަނީ އޭގެ ފަހުން ވެސް ފުރަތަމަ ހާފުގެ މެދަކާ ހިސާބުގައި ބޮލުން ޖަހައި އިތުރު ގޯލެއް ޖަހައިފަ އެވެ.

ސްޕެއިނުގެ ތިންވަން ގޯލަކީ އަންސޫ ފާޓީ އޭރިއާ ބޭރުން ޖެހި މޮޅު ގޯލެކެވެ. ސްޕެއިނުގެ ސީނިއާ ޓީމަށް އެންމެ ޒުވާން އުމުރުގައި ކުޅެން ފެށުމުގެ އިތުރުން ގޯލު ޖެހުމުގެ ޝަރަފުވެސް އޭނާ އެ ގޯލާ އެކު ހޯދި އިރު މުޅި މެޗުގައި ވެސް ފާޓީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ސްޕެއިނުގެ ފަހު ގޯލަކީ މެޗު ނިމެންދަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުން ފެރާން ޓޮރެސް ކާމިޔާބު ކުރި ގޯލެކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ސްވިޒަލޭންޑާއި ޖަރުމަނު ބައްދަލު ކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނަޓުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އައިކޭ ގުންޑޮވާންގެ ގޯލުން ޖަރުމަނު ލީޑު ނަގާފައި އޮއްވާ ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު ސިލްވާން ވިޑްމާ އެވެ.

މި ނަތީޖާތަކާ އެކު ގްރޫޕް ހަތަރެއްގެ އެއްވަނައިގައި ސްޕޭން އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޔޫކްރޭންއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި ޖަރުމަނު އޮތީ ދެ ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް