ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން ލައިވް ޓީވީގައި ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ.
ރައީސްގެ ހަށިކޮޅުގައި ގެއްލުންދިނުމަށް މީހަކު ގޮވާލާފައި ވަނީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ލައިވް ޕްރޮގްރާމަކަށް ފޯނުން ގުޅައި ވާހަކަދައްކަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 47 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އެ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާ މައްސަލަ ކޮމިޝަންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.
ފާޑުކިޔުންތަކާ ގުޅިގެން ޗެނަލް13 އިން ވަނީ މައާފަށް އެދިފަ އެވެ.
ޗެނަލް13 އިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ލިއުމެއްގައި ބުނެފައި ވަނީ، އެ މީހާ ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށާއި އެ މީހާ އެހެން ބުނި ހިސާބުން ފެށިގެން ވަގުތުން ފޯނު ކޯލު މެދުކަނޑާލާފައިވާނެ ކަމަށެވެ.
"އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށް ޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،" ޗެނަލް13 އިން ބުނެފައިވެ އެވެ.
އެ ޗެނަލަކީ، އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަން ފާހަގަކޮށް ބުނެފައި ވަނީ، މުސްތަގްބަލްގައި އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާ ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާ ކަމަށެވެ.