އިންތިހާއަށް ވައިގަދަ، ސަމާލުވާން އިންޒާރުކޮށްފި

މޫސުން ގޯސްވެ ވިއްސާރަ ދުވަހެއްގައި މާލޭގެ ބަނދަރެއްގައި ބަޔަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ޔެލޯ އެލާޓެއް ނެރެފި އެވެ.

މިއަދު އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ.

މެޓް އޮފީހުން ބުނީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްތަކަކަށް ވީއިރު ރޭގައި މެޓް އޮފީހުން ވަނީ އޮރެންޖް އެލާޓްއެއްވެސް ނެރެފަ އެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަަމައަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 6:00 އާ ހަމައަށެވެ. މެޓް އޮފީހުން ބުނެފައި ވަނީ އޮރެންޖް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ގަޑިއިރަކު 63 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް