ތިނަދޫގައި ހުންނަ ދާރުލްއާސާރުން ވައްކަން ކޮށްފި

ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު -- ފޮޓޯ/ ފޭސްބުކް

ރޭ ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރުން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ ތިނަދޫގައި ހުންނަ ދާރުލްއާސާރުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާތީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ދާރުލްއާސާރުން ވަަގަށް ނެގީ ދާރުލްއާސާރުގެ ޑިސްޕްލޭގައި ބަހައްޓާފައި ހުރި ރަންދިހަ ފަހެއް ދިވެހި ރުފިޔާ ނޫޓުގެ ސާމްޕަލްތަކާއި، އެތަނުގައި ހުރި ބައެއް ކޮމްޕިއުޓަރު ސާމާނު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 21:40 އެހާކަންހާއިރު ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ގެެއެއް ބަލާ ފާސްކޮށް ކޮމްޕިއުޓާ ސިސްޓަމްގެ ސިސްޓަމް ޔުނިޓަކާއި ކީބޯޑަކާއި މައުސްއެއް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުުން ބުންޏެވެ. ފުލުހުން ބުނީ އަދިވެސް މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް