މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން ގޮވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުންދޭން މީހަކު ގޮވި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ.

"ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސްގެ ހަށިކޮޅުގައި ގެއްލުންދިނުމަށް މީހަކު ގޮވާލާފައި ވަނީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ލައިވް ޕްރޮގްރާމަކަށް ފޯނުން ގުޅައި ވާހަކަދައްކަމުންނެވެ.

އެ ވާހަކަތައް ބްރޯޑްކާސްޓްކުރި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާ މައްސަލަ ކޮމިޝަންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.

ފާޑުކިޔުންތަކާ ގުޅިގެން ޗެނަލް13 އިން ރޭ ވަނީ މައާފަށް އެދިފަ އެވެ.

ޗެނަލް13 އިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ލިއުމެއްގައި ބުނެފައި ވަނީ، އެ މީހާ ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށާއި އެ މީހާ އެހެން ބުނި ހިސާބުން ފެށިގެން ވަގުތުން ފޯނު ކޯލު މެދުކަނޑާލާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށް ޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،" ޗެނަލް13 އިން ބުނެފައިވެ އެވެ.

އެ ޗެނަލަކީ، އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަން ފާހަގަކޮށް ބުނެފައި ވަނީ، މުސްތަގްބަލްގައި އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާ ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް