ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު --- ކެޕަޗާސް/މުހައްމަދު ތަހުލީލް

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމު ކުރި ފީފާ ސްޓޭންޑާޑުގެ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ކެނދިކުޅުދޫ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ބިން އެއްވަރުކުރުމުގެ މަސައްކަތަށް ދެ މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ޓާފް އެޅުމުގެ މަސައްކަތަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު --- ކެޕަޗާސް/މުހައްމަދު ތަހުލީލް

މިއަދު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ކެނދިކުޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވާފައެވެ. އަދި ވަޒީރު ވަނީ މި މަސައްކަތަށް ކެނދިކުޅުދޫ ކައުންސިލާއި، އެ ރަށުގެ ޒުވާނުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.

މި ދަނޑުގެ މަސައްކަތް އަވަަސް ކުރުމަށް ރަށުގެ ޒުވާނުން ނުކުމެ ޓާފް އެޅުމަށް ބޮޑު އެހީތެރިކަމެއް ވެފައިވާ އިރު، ދަނޑަށް ބޭރުން ވެލި އެޅުމުން ހުރަސް އެޅުމުގެ ގޮތުން އެ ރަށުގެ ކައުންސިލުން ހަރަދުކޮށްގެން ވަނީ ކުޑަ ފާރެއް ވެސް ދަނޑު ވަށައިގެން ރާނާފަ އެވެ.

މީގެ އިތުރުން ވަޒީރު ވަނީ ވަރަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ލ. ގަމާއި ފުވައްމުލައް ސިޓީގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ސަރުކާރުން އަމާޒުކޮށްފައި ވަނީ ފަސް އަހަރު ތެރޭގައި 100 ޓާފް ދަނޑު އަޅާށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖުމުލަ 13 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރ މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ

comment ކޮމެންޓް