އާސަންދަ އާއި އެންސްޕާގެ އޮޑިޓުން ވެސް ގޯސްތަކެއް!

އާސަންދަ އޮފީސް --- ފޮޓޯ/ ރާއްޖެ އެމްވީ

އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި މައްސަލަތަކެއް ހުރިކަން، އޮޑިޓާ ޖެނެރަލްގެ ކޮވިޑް19 ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނެފިއެވެ.

ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން، ފައިސާގެ އެހީތެރިކަމަށް އެދުނު މީހުންނަށް، ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ މުއައްސަސާއަކަށް، އެންސްޕާ އަދި އާސަންދަ ކުންފުނި ހަމަޖެއްސުނެވެ.

އެގޮތުން ޖޫން 30، 2020 ގެ ނިޔަލަށް 191 ބަލިމީހަކަށް 2،307،883 ރުފިޔާ އަދި 227 އެހީތެރިއަކަށް 2،077،830 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އެ ތާރީހުގެ ނިޔަލަށް، ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި މީހުންނަށް އެހީވުމަށް އެންސްޕާ އިން އާސަންދަ ކުންފުންޏަށް ދޫކޮށްފައިވާ ތިން މިލިއަން އަށް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ އެކާވީސް ރުފިޔާގެ ތެރެއިން އެއް ލައްކަ ތިން ހާސް ދުއިސައްތަ ފަންސާސް އެއް ރުފިޔާ އެހާތަނަށް ހަރަދުކޮށްފައިނުވާ ކަމަށެވެ.

ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް ފައިސާގެ އެހީ ދިނުމަށް ފޮރިން
މިނިސްޓްރީން އަދި އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވަނީ، ފައިސާގެ އެހީ ފޯރުކޮށްދެވޭނީ މާޗް 21، 20202 ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އަދި އެހީ ދޭނީ އެ ތާރީހުން ފެށިގެން ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ދުވަހުން ފެށިގެން، އެ ފަރާތަކުން ގޮސްފައިވާ ގައުމުތަކުގެ ސްޓޭޓަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ބައެއް ފަރާތްތައް އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ އެންސްޕާ އިން ހޯދާފައި ނުވުމުން، އެ ފަރާތްތަކަށް ފައިސާގެ އެހީ ދޭން ފަށަންޖެހޭ ތާރީހު އެނގެން ނެތް ކަމަށެވެ.

އެގޮތުން ޓިކެޓުގެ ކޮޕީ ހޯދުމަކާނުލައި 30 ޖޫންގެ ނިޔަލަށް 26 ފަރާތަކަށް ޖުމްލަ، އެއް ލައްކަ ފަންސާސް ހަތް ހާސް ދުއިސައްތަ އަށްޑިހަ ހަތަރު ރުފިޔާ، އެންސްޕާ އިން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

"ނަތީޖާއެއްގެ ގޮތުން، ފައިސާގެ އެހީ ދީފައިވާ ފަރާތްތަކަކީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކެއްކަން އަދި ފައިސާގެ އެހީ ދީފައިވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުކުރެވެން ނެތްކަން ފާހަގަކުރަމެވެ." ރިޕޯޓުގައި ވެއެވެ.

ހަމައެއާއެކު އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް، ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރިއަށް ފައިސާގެ އެހީ ދީފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އުސޫލުގެ ތެރެއިން ތިން ފަރާތަކަށް ލިބެންޖެހޭ ފައިސާއަށް ވުރެ 116،807 ރުފިޔާ އިތުރަށް ދީފައިވާކަމަށް އޮޑިޓުގައިވެއެވެ.

އަދި އޮޑިޓުގައި ބެލި 179 ސާމްޕަލްގެ ތެރެއިން، ދެ ފަރާތަކަށް، އުސޫލުތަކާއި ހިލާފަށް ދޭން ޖެހޭ އަދަދަށް ވުރެ އިތުރަށް އަދި ދެ ފަރާތަކަށް ދޭންޖެހޭ އަދަދަށްވުރެ މަދުން ފައިސާގެ އެހީ ދީފައިވެއެވެ.

މީގެ އިތުރުން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި، އާސަންދަ އަދި ފޮރިން މިނިސްޓްރީން އެއް ފަރާތަކަށް އެއް މުއްދަތަކަށް ފައިސާގެ އެހީ ދީފައިވާކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އޮޑިޓު ސާމްޕަލްގެ ގޮތުގައި ބެލި 179 ސާމްޕަލްގެ ތެރެއިން ހަތަރު ފަރާތަކަށް 21،033 ރުފިޔާ އިތުރަށް ދީފައިވެއެވެ.

މަރުވެފައިވާ މީހަކަށް މަރުވި ތާރީހުގެ ފަހުން ފައިސާ ދިން!

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ލޮކްޑައުން ގެމުއްދަތުގައި ރާއްޖޭން ބޭރުގައި މަރުވި ދިވެއްސަކަށް، އޭނަ މަރުވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި އެމީހާ މަރުވީ 15 އޭޕްރީލް ގައެވެ. އަދި ބަލިމީހާ މަރުވިކަން 16 އޭޕްރީލްގައި ހޮސްޕިޓަލުން އާސަންދަ އަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް، އޭނާ މަރުވި ތާރީހުގެ ފަހުން އާސަންދަ އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9،498 ރުފިޔާ އޭނާގެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފައިސާގެ އެހީ ދިނުމުގައި އުނިއިތުރު!

އޮޑިޓުގައި އާސަންދަ އަދި އެންސްޕާއިން ޔަގީން ކޮށްދީފައިވާ މުއްދަތަށް ބަލައިގެން ފައިސާގެ އެހީ ހިސާބުކުރިއިރު ބައެއް ފަރާތްތަކަށް ދޭންޖެހޭ އަދަދަށްވުރެ އިތުރަށް އަދި މަދުން ފައިސާ ދީފައިވާކަމަށް އޮޑިޓުގައިވެއެވެ.

އެގޮތުން، 30 ޖޫންގެ ނިޔަލަށް 18،834 ރުފިޔާ އިތުރަށް އަދި 7،520 ރުފިޔާ މަދުން ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނީ ރަނގަޅަށް!

އޮޑިޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެގޮތުން، އެހީއަށް އެދުނު 2،506 މީހަކަށް 10،049،378 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ވަޒީފާ އަދި އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްގެން 2،042 މީހަކަށް ދޫކުރި 7،787،447 ރުފިޔާ އާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި 464 މީހަކަށް ދޫކުރި 2،261،931 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެއީ "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ދެކޭ ކަމަށެވެ.

comment ކޮމެންޓް