އެފްއޭއެމްގެ އިންތިހާބު ބަލައިގެން ކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފި

ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އާއި ބައްސާމް އަދީލް ޖަލީލް --- ފޮޓޯ/ ޓްވިޓާ

ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ނުރަނގަޅު ކަމެއް ނެތްކަމަށް ބުނެ އެ އިންތިހާބުގައި މަގާމުތަކަށް ހޮވުނު ފަރާތްތައް ރަޖިސްޓްރީކޮށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށް ސްޕޯޓްސް ކޮމިޝަނުން ރަސްމީ ލިޔުން ހަވާލުކޮށްފި އެވެ.

އެފްއޭއެމުން އެ އެސޯސިއޭޝަނުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އެ އިދާރާއަށް ފިޔަވަޅު އަޅައިދޭން މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.

މި މައްސަލަގަނޑު އިތުރަށް ގޯސްވެ ދެފަހަރެއްގެ މަތިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް މަޖިލީހަށް ހާޒިރުކޮށްފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ މައްސަލަ ބަލަމުމް އަންނަ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އިންތިހާބު ބޭއްވި ގޮތަށް ފާޑުކިޔައި މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން އެފްއޭއެމްއަށް އަމާޒުކުރި ނަމަވެސް އެ އިދާރައިގެ އިންތިހާބުގައި ނުރަނގަޅު ކަމެއް ހިނގާފައި ނުވާ ކަމަށް ސްޕޯޓްސް ކޮމިޝަނުން ލަފާ ދީފައިވާ ކަމަށް މަހްލޫފް ވަނީ އޭރުވެސް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިދާރައިގެ އެކްސްކޯ ރަޖިސްޓްރީކޮށް ސްޕޯޓްސް ކޮމިޝަނުން ރަސްމީ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މީގެން ސާފުވެގެންދަނީ އެފްއޭއެމްގެ އިންތިހާބުގެ ސައްހަކަން ކުޅިވަރާ ބެހޭ ވުޒާރާއިންނާއި، ސްޕޯޓްސް ކޮމިޝަނުން ބަލައިގެންފައިވާ ކަން ކަަމަށް ވެސް ބައްސާމް ވަނީ ޓްވީޓުގައި ފާހަގަ ކުރައްވާފަ އެވެ.

އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި މަޖިލީހުން އެދުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް މިނިސްޓަރާ ހިޔާލު ތަފާތުވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ކަމާ ބެހޭ ހުރިހާ އިދާރާތަކުންނާއި އިންތިހާބުގައި ބައިވެރިވި ހުރިހާ ކުލަބުތަކަކުން އެކަމުގެ ޝަކުވާއެއް ނެތް ހިނދަކު އެ އިންތިހާބު ހިނގީ ނުރަނގަޅަށް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

comment ކޮމެންޓް