މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައިކޮށް، ރައްކާކުރާ ނަމަ ފިޔަވަޅު އަޅަނީ

ތެޔޮ ފީފާއެއް-- ފޮޓޯ: ބްލޫ ޕީސްް

ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއީ މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ކައުންސިލުން ބުންޏެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން 12 އޮގަސްޓް 2012 ވަނަ އަހަރު ގެޒެޓްކޮށްފައިވާ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދުގެ" ދަށުން ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެކެވެ.

ކައުންސިލުން ބުނީ އެ ގަވާއިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގެ 105 ވަނަ ރަސްމީ އާންމު ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން، މި އެންގުމާ ހިލާފުވާ ފަރާތްތަކަށް ގަވާއިދުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުން މަނާކޮށްފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އަދި މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ތެލާއި ކެމިކަލް ގުދަންކޮށްފައި ހުންނަ ކަމަށާއި، އެފަދަ ތަންތަނާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ޝަކުވާ އާނުންމުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް