އެމްޑަބްލިއުއެސްސީގެ 72 ސްޓާފަކަށް ފްލެޓު ޔަގީންވެއްޖެ

ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އަޅާ ފްލެޓުތަކަށް އެ ކުންފުނީގެ 72 މުވައްޒަފަކު ކުރިމަތިލައި، އެ އެންމެންނަށްވެސް ފްލެޓު ލިބޭނެކަން ޔަގީންވެއްޖެއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުނިން އަޅާ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ އަމަލީ މަސައްކަތް ނިންމަން ކުންފުނިން އަމާޒު ހިފައިގެން އެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

ފަނަރަ ބުރީގެ ދެ ޓަވަރު އެޅުމަށް ސަރުކާރުން މީގެ ކުރިން އެ ކުންފުންޏާ ހަވާލުކޮށްފައި ވެއެވެ.

"މި 15 ބުރީގެެ ދެ ޓަވަރުގެ ތެރެއިން އަޅުގަނޑުމެން މިހާރު މަސައްކަތް ފެށީ ފުރަތަމަ އެއް ޓަވަރު ނިންމަން. މި ޕްރޮޖެކްޓު ކުރިއަށް މި ގެންދަނީ އެމްޑަބްލިއުއުއެސްސީގެ ކޭޝްފްލޯއިން އެމްޑަބްލިއުއެސްސީގެ އޯން ފައިނޭންސްގައި. އެ ގޮތުން މި ޕްރޮޖެކްޓުގެ މިހާރު ވަނީ ސްޓްރަކްޗާ އެއްކޮށް ނިމިފައި،" ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ފުރަތަމަ ޓަވަރުގެ ސްޓްރަކްޗާ ނިންމައި ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުވެސް ހިމެނޭ މި ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސް އިންނެވެ.

"މި މަސައްކަތުގެ ޕްރޮގްރެސް ދަންނަވާނަމަ 55 ޕަސެންޓާ 60 ޕަސެންޓާ ދެމެދަށް މަސައްކަތް ވަނީ ނިމިފައި،" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭނުމުގެ މަސައްކަތުގެ ތެރެއިން ހަވަނަ ފަންގިފިލާއިން ނުވަވަނަ ފަންގި ފިލާއަށް އަދި 11 ވަނަ ފަންގި ފިލާއިން 14 ވަނަ ފަންގިފިލާއާ ހަމައަށް ނިންމާލެވިފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ފްލެޓަށް ކުރިމަތިލީ 72 މުވައްޒަފުންގެ ފޯމު އިވެލުއޭޓުކޮށް، އެ މުވައްޒަފުންނަށް ފްލެޓު ލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދިވެސް ކުންފުނީގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތެވެ.

"މި 72 މުވައްޒަފުންގެ ތެރެއިން ކުރިމަތިލާފައި ހުރީ ދެ ރޫމާއ ތިން ރޫމްގެ އެޕާޓުމެންޓުތަކަށް،" ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ޓަވަރުތައް އަޅާ ސަރަހައްދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއް ކަމަށާއި އެ އެ ޓަވަރުތަކުގައި ހުންނަ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ބެލިނަމަވެސް ތަނަވަސް ތަންތަނަށް ވާނެކަމަށް ކުންފުނީގެެ އެމްޑީ ވިދާޅުވި އެވެ.

އެގޮތުން އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިން 393.95 އަކަފޫޓާއި 405.18 ދެމެދުގައި ހުންނާނެއެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓު ތަކުގެ ސައިޒު، 692.63 އަކަފޫޓާއި 702.08 އަކަފޫޓާ ދެމެދު ހުންނާނެއެވެ. ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ސައިޒު އުޅެނީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުއެވެ.

ފްލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށާއި އެކަމަށް ކުރިއެރުންވެސް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެންމެ ބޮޑު ޗެލެންޖަކީ އެންޑް ޔޫޒާ ފައިނޭންސް. މުވައްޒަފުން ކިހިނެއްތޯއޭ މި ތަންތަނަށް ފައިނޭންސް ކުރާނީ. ބޯޑު ލެވެލްގެ ބައްދަލުވުންތަކާއެކު، މެނޭޖުމެންޓުގެ އިސްނެގުމުގެ މަތިން އަޅުގަނޑުމެން މިހާރު ފައިނޭންސިން ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އެބަދަން،" ޝާހު ވިދާޅުވީ އެކަމާ ގުޅޭ ނިންމުންތައް ހަފްތާއެއް ތެރޭ ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމްޑަބްލިއުއެސްސީއިން ލަފާ ކުރަނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މުވައްޒަފުންނަށް ފްލެޓަށް ވަދެވޭނެ ކަމަށެވެ. ދެވަނަ ޓަވަރުގެ މަސައްކަތް ފަށާނީ ފުރަތަމަ ޓަވަރުގެ ފްލެޓުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށް ފަހު ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ފްލެޓުތަކުގެ އަގު ކަނޑައެޅުމުގައި ފައިނޭންސިން ލިބޭ ގޮތްތަކާއި މާކެޓުގެ އަގުތަކަށް ރިއާޔަތް ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް