ޑަބްލިއުއެޗުއޯގެ ވެކްސިން ކެމްޕޭނަށް އެއްބާރުލުން ނުދޭން އެމެރިކާ ނިންމައިފި

އެމެރިކާގެ ރައީސް ވަނީ އެގައުމުން ޑަބްލިޔުއެޗްއޯއަށް ދޭ އެހީ ހުއްޓާލަން އަންގާފައިވާ ކަަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންގްޓަން/ ސީއެންއެން (ސެޕްޓެމްބަރު 2)--- ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލް އަގުވާމީ ފެންވަރުގައި ގައުމުތަކުން ބައްޔަށް ހާއްސަ ވެކްސިނެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާ އިން އެއްބާރުލުން ނުދޭނެ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފި އެވެ.

ވައިޓް ހައުސްގެ މި ނިންމުން މި އައިސްފައި ވަނީ އެމެރިކާގައި ކޮންޓްރޯލްވުމެއް ނެތި ކޮވިޑް ފެތުރެމުން ގޮސް ހަ މިލިއަނެއް ވުރެން ގިނަ މީހުން މިހާތަނަށް ބަލި ޖެހިފައިވާކަން އެގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމައްޔާ (ޑަބްލިއުއެޗްއޯ) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު އެ ޖަމިއްޔާ އިން ކޮވިޑް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭން ބޭނުން ނުވާކަން އެމެރިކާއިން ހާމަ ކުރި އިރު، މިހާތަނަށް 170 އަށް ވުރެން ގިނަ ގައުމަކުން ވަނީ ކޮވިޑް ވެކްސިން އުފެއްދުމުގެ ޕްރޮޖެކްޓް "ކޮވަކްސް"ގައި އެއްބާރުލުން ދޭން ނިންމާފަ އެވެ.

"ބައިނަލް އަގުވާމީ ޕާޓްނާސްއާ އެކު ކޮވިޑްގެ ވެކްސިނަށް ލިބެމުންދާ ކުރިއެރުންތައް އެމެރިކާއިން ދަނީ ގާތުން ބަލަމުން. އެކަމަކު ކޮރަޕްޓްވެފައިވާ ޑަބްލިއުއެޗްއޯއާއި، ޗައިނާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް މިގައުމުން އެއްވެސް އެއްބާރުލުމެއް ނުލިބޭނެ،" އެމެރިކާގެ ވައިޓްހައުސްގެ ސްޕޯކްޕާސަން ޖޫޑް ޑީރް އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކުން އުފައްދާ ވެކްސިން މިވަގުތު ޓެސްޓް ކުރުމަށް ރައީސް ޑޯނާލްޑް ޓްރަމްޕް ބޮޑު ހޭދައެއް ކުރައްވަން ބޭނުންފުޅުވެ ނުލައްވަވާ ކަމަށާއި ޓްރަމްޕް ވިސްނުންފުޅު ގެންގުޅުއްވަނީ އެމެރިކާ އިން ކޮވިޑާ ހަނގުރާމަ ކުރުމަށް އުފައްދާ ވެކްސިން ކާމިޔާބުކަމާ އެކު ބޭނުންކުރަން ފެށުމަށް ކަމަށެވެ.

ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ޓްރަމްޕް، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެމެރިކާ އިން ވަނީ ވެކްސިނެއް އުފައްދާފައި ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން ރައްކާތެރި، ކާމިޔާބު ވެކްސިނެއް ލިބޭނެ. އެ ވެކްސިންއާ އެކު ކޮވިޑް ވައިރަހުގެ ކަންތައް ނިންމާލެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މިހާތަނަށް އެމެރިކާގެ ދެ ކުންފުންޏަކުން އުފެއްދި ދެ ވެކްސިނެއް ޓެސްޓިން މަރުހަލާގެ ތިން ވަނަ ސްޓޭޖުގައި އެބަހުރި ކަމަށާއި މިމަހުގެ މެދުތެރޭގައި އިތުރު ދެ ވެކްސިނެއް ވެސް ތިން ވަނަ ސްތޭޖުގައި ޓެސްޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޑީރް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ އެކި މަރުހަލާތަކުގައި ޓެސްޓް ކުރަން ޖެހޭ އަދަދަށް މީހުން ބޭނުންކޮށްގެން ޓެސްޓް ނުކޮށް ވެކްސިން އަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

comment ކޮމެންޓް