އޮގަސްޓް މަހު ރާއްޖެއަށް އައީ 7628 ފަތުރުވެރިން

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮގަސްޓް މަހު ރާއްޖެއަށް 7000އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު ރާއްޖެއަށް ޖުމުލަ 7628 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ޖުލައި މަސް ނިމުނުއިރު އައި 1769 ފަތުރުވެރިންނާއެކު ބޯޑަރު ހުޅުވާލިފަހުން ޖުމުލަ 9297 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އޮގަސްޓް މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. އެގައުމުން 1627 ފަތުރުވެރިން އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން އައިސްފައި ވަނީ 715 ފަތުރުވެރިންނެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ސްޕެއިން، ރަޝިއާ، ޖާމަނީ އަދި ފްރާންސް ހިމެނެ އެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 218 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު 373 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ ފަދަ ތަންތަނަށް އެކަންޏެވެ.

އެހެން ނަމަވެސް އަންނަ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހު މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް