އޮކްޓޫބަރުގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ: ޓޫރިޒަމް މިނިސްޓަރު

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

އޮކްޓޫބަރު މަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ އޮކްޓޫބަރު 15ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވާލަން ރާވާފައިވީ ނަމަވެސް، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކޮވިޑް19 ފެތުރޭ މިންވަރަށް ބަލާއިރު އެ ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ ކަމަށެވެ.

އެހެން ނަމަވެސް މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށްވުރެ ދަށްވެއްޖެނަމަ، ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެވިދާނެ ކަމަށް އެޗްޕީއޭއިން ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އޮކްޓޫބަރު 15ގެ ފަހުން ވެސް ބޭނުންކުރެވޭނީ މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް، ޓްރާންސިޓް ހޮޓެލްތަކެއްގެ ގޮތުގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު އަމަލުކުރަން ޖެހޭ ގޮތްތަކާ ބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން އަލުން މިނިސްޓްރީން ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ. އަދި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީން އެންމެ ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ޕާމިޓެކެވެ.

ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

  • އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުން
  • އެރަށެއްގައި ކޮވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭނެ (ޓާސްކްފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން)
  • މީހަކު ޕޮޒިޓިވްވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން
  • ފްލޫ ކްލިނިކެއް ހުރުން
  • ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން

އޮކްޓޫބަރު 15ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ގެސްޓްހައުސްތަކުން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އޮޕަރޭޝަންސް ފަށަން ހުއްދަ ދެވޭނީ މިނިސްޓްރީން އެ ޕްލޭން އެޕްރޫވް ކުރުމަށްފަހު ކަމަށެވެ.

މި ގައިޑްލައިންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައިޑްލައިނާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި އޮކްޓޫބަރު 15ގެ ކުރިން ކައުންސިލްތަކާއި ގެސްޓްހައުސްތަކަށް ވަކިވަކިން ވެބިނާތަކެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ރާވާފަ އެވެ.

މީގެ ކުރިން ގެސްޓްހައުސް ހުޅުވާ ވަގުތީ ތާރީހެއްގެ ގޮތުގައި އޮގަސްޓު15 ކަނޑައަޅާފައި އޮތްނަމަވެސް ރާއްޖޭގައި ކޮވިިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ތާރީހު ފަސްކުރަން ސަރުކާރުން ނިންމީއެވެ.

ތާރީހު ފަސްކުރިއިރު، ކުރިން އިއުލާނުކުރި ވަގުތީ ތާރީހަށް ގިނަ ފަތުރުވެރިންތަކެއް އޮތީ ގެސްޓްހައުސްތައް ބުކްކޮށްފައެވެ. ތާރީހު ފަސްކުރުމުން ޖެހުނީ އެ ބުކިންތައް ކެންސަލްކުރާށެވެ.

comment ކޮމެންޓް