ކްރިމިނަލް އާ ދެ ފަނޑިޔާރުން، ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރެއް!

ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި އަންހެން ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި އަލަށް އެ ކޯޓުގެ ފަބޑށިޔާރު ކަމަށް އައްޔަން ކުރެއްވި މުސްބާހް

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ އާއި އިތުރު ބޭފުޅަކު ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދެން އައްޔަން ކޮށްފައި ވަނީ ސ. ހުޅުދޫ، ހެޕީ ޑްރީމް، މުހައްމަދު މިސްބާހެވެ.

ސަސްޕެންޑުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް އާއި ފަނޑިޔާރު ހަސަން ނަޖީބު މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި ދެ މަގާމަށް ފަނޑިޔާރުން ހޯދުމަށް މީގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

އެ ދެ މަގާމަށް ކުރިމަތިލި މީހުން އިންޓަަވިއު ކުރީ ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީއަށް ލަފާ ދޭ ކޮމެޓީއިންނެވެ. އަދި އިންޓަވިއު ކުރި މީހުންގެ ތެރެއިން "ހައިލީ ރެކޮމެންޑް" ކުރި ދީބަނާޒް ފަހުމީ އާއި މުހައްމަދު މިސްބާހު މަގާމަށް އައްޔަން ކުރަން ވަނީ ނިންމައިފައެވެ.

އެ ދެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ މިއަދު އެވެ. ހުވާ ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ދީބަނާޒް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއިން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރެއްވުމަށް ފަހު ނިއުޒިލޭންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން މާސްޓާސް އޮފް ލޯ ހާސިލު ކުރައްވައިވާފައިވާ ބޭފުޅެކެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާ ދީބަނާޒް އަކީ ކްރިމިނަލް ކޯޓަށް އައްޔަން ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ.

މިސްބާހަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ބެޗެލާ އޮފް ލޯ ހާސިލު ކުރައްވާފައިވާ ގާނޫނީ ދާއިރާއިން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޕްރައިވެޓް ޕްރެކްޓިސްއެއް ހިންގުމުގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާވެސް ލިބިފައިވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުންނާއެކު މިހާރު ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އަދަދަކީ 11 އެވެ.

comment ކޮމެންޓް