އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ވިއްސާރައިގެ ސަބަބުން މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ފެން ހެދިފައި -- ފޮޓޯ: އަބްދުﷲ އަބީދު

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ ޓްރެކް އަލުން މަރާމާތުކޮށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރުމަށް ނިންމާފައިވާ އިރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ (ޕޮލްކޯ) އާ އެވެ. މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވި އިރު ޕޮލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަލީ ޝަރީފް އެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231.75 ރުފިޔާ އެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު ކުރިން ޕްލޭން ކޮށްފައި އޮތީ އެ ޓްރެކުގައި އޮތް ވެލިގަނޑު ނަގައި އެއްވަރު ކުރުމަށް ފަހު އަލުން ދުވާ ޓްރެކެއް އެތަނުގައި އެޅުމަށެވެ. އެކަމަކު މިހާރު އެތަން ބަދަލުވެގެން ދާނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ފަދަ ސިންޓެޓިކް ޓްރެކަކަށް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުން ވެސް ކަސްރަތުކުރުމާއި ދުވުމަށް ބޭނުން ކުރާ ތަނެކެވެ.

comment ކޮމެންޓް