ޗާލީ ހެބްޑޯއަށް ދިން ހަމަލާގެ ޝަރީއަތް ފަށައިފި

ޗާލީ ހެބްޑޯގެ އޮފީހަށް ދިން ހަމަލާ އާއި އެހަމަލާ ގުޅުން ހުރި އެހެން ހަމަލާއެއްގައި 17 މީހަކު މަރާފައިވޭ -- ފޮޓޯ: ގެޓީ

ޕެރިސް (ސެޕްޓެމްބަރު 2): މީގެ ފަސް އަހަރު ކުރިން ފްރާންސުގެ ޗާލީ ހެބްޑޯ މަޖައްލާގެ އޮފީހަށް ދިން ހަމަލާއާ ގުޅިގެން އެގައުމުގައި 14 މީހެއްގެ ޝަރީއަތް ފަށައިފި އެވެ.

ހަތެއް ޖެނުއަރީ 2015އިގައި ހަތިޔާރު އަޅައިގެން ތިބި ފްރާންސުގެ ދެ މީހަކު ޗާލީ ހެބްޑޯގެ އޮފީހަށް ވަދެ ބަޑިން ދިން ހަމަލާގައި 12 މީހަކު މެރި އެވެ. އެ ދެ މީހުން ބުނި ގޮތުގައި އެ ހަމަލާ ދިނީ އަލް ގައިދާގެ ނަމުގަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން އެ ދެ މީހުންނާ ގުޅުން ހުރި މީހަކު ޕެރިހުގެ ފުލުހަކު މަރާ، ޔަހޫދީ ސުޕަމާކެޓަކަށް ހަމަލާދީ ހަތަރު މީހަކު މެރި އެވެ.

އެ ތިން މީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ތިން މީހުންވެސް ވަނީ މަރުވެފަ އެވެ.

އެ ހަމަލާތަކުގެ ޝަރީއަތުގައި ދައުވާ ކޮށްފައިވާ 14 މީހުން ވަނީ ހަމަލާއަށް ބޭނުންވާ ހަތިޔާރާއި ލޮޖިސްޓިކަލް އެހީ ފޯރުކޮށްދީފައި ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވެ އެވެ. އެ 14 މީހުންގެ ތެރެއިން ތިން މީހެއްގެ މައްސަލަ ބަލަނީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ. އެއީ އެ ތިން މީހުން ސީރިއާ އާއި އިރާގަށް ގޮސްފައިވާތީ ކަމަށާއި ތިން މީހުންވެސް މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ޗާލީ ހެބްޑޯއަށް ދިން ހަމަލާގެ ޒިންމާ ނަގަމުން، ޔަމަނުގައި ހަރަކާތްތެރިވާ އަލް ގައިދާގެ ގޮފިން ބުނި ގޮތުގައި އެ ހަމަލާ ދިނީ އެ މަޖައްލާއިން ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ، ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި މިއަދު އެ މައްސަލައިގެ ޝަރީއަތް ފެށުމާ ދިމާކޮށް ޗާލީ ހެބްޑޯއިން ވަނީ އަނެއްކާވެސް ރަސޫލާގެ ތަސްވީރު ކުރަހާފައިވާ ކާޓޫނުތައް ޝާއިއުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް