އަންހެން ކެންޑިޑޭޓުން ނެރޭ ޕާޓީތަކަށް އިތުރު އިނާޔަތެއް ދޭން ހުށަހަޅަނީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

އިންތިހާބުތަކުގައި އަންހެން ކެންޑިޑޭޓުން ނެރޭ ޕާޓީތަކަށް އިތުރު އިނާޔަތެއް ދެވޭނެ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރޭ ސަންގުޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

އަދި މިހާރު އެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ހުރިހާ އިސްލާހެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު، އިސްލާހުތައް ފޮނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ އިސްލާހެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސިޔާސީ ޕާޓީތައް ކުރާ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކުރުމެވެ.

"ބައެއް ފަހަރު ގާނޫނުގައި ބައެއް އިބާރަތްތައް ހުންނަ ގޮތުން، ބައެއް ފަހަރު ބައެއް ސިޔާސީ ޕާޓީތަކުން ކޯޓުގައި އެބަ ޗެލެންޖުކުރޭ، މި ގާނޫނުން އިލެކްޝަންސް ކޮމިޝަނަކަށް ޕާޓީތަކާ ދޭތެރޭގައި ރެގިއުލޭޓް ކުރުމަށްޓަކައި، ޕާޓީތަކަށް ޖަވާބުދާރީ ކުރުވުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް. ވާހަކައަކީ ކަނޑައެޅިގެން އެކަހަލަ އެއްޗެއް ނެތް ކަމަށް. ޕާޓީއަކުން ބޭނުންވާ ހިނދެއްގައި އަޅުގަނޑުމެން އަތުގައި ގާނޫނީ ބާރެއް ނެތް. ޕާޓީއަކުން އެކަމަކާ ޗެލެންޖުކުރަން ބޭނުންވާ ހިނދެއްގައި. އެކަމަކު ޕާޓީއަކުން އަޅުގަނޑުމެންގެ އެހީތެރިކަން ހޯދަން ބޭނުންވެއްޖެނަމަ، އެ އހީތެރިކަން ދިނުމުގެ ބާރު ގާނޫނުން އޮތްކަމަށް އެބަ ވިދާޅުވޭ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ ގޮތަށް ބަދަލުގެންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ޕާޓީއަކުން ވަގު މެމްބަޝިޕް ފޯމު ހުށަހަޅަން ބޭނުންވާ ނަމަ، އެކަން ކުރެވޭނެ ބާގަނޑެއް ގާނޫން ފެންނަން އޮތް ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް އެންމެ ގިނައިން ޝަކުވާ އަންނަނީ ވެސް ސައްހަ ނޫން މެމްބަޝިޕް ފޯމުތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަން ބޭނުން، ތިބޭފުޅުން ތި ކުރާ ޝަކުވާ އިރާދަކުރެއްވިޔާ ވަރަށް އަވަސް މުސްތަގުބަލެއްގައި އަޅުގަނޑުމެން ހައްލު ހޯދައިދޭނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕާޓީއަކަށް އޮންނަ ސަޕޯޓު ހާމަވަނީ މެމްބަޝިޕްގެ މައްޗަށް ބިނާކޮށް ކަމަށާއި މެމްބަޝިޕްގައި މަކަރުހެދުމުގެ ކަންކަން ވެސް އެންމެ ބޮޑުވަނީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ކަންކަން މެމްބަޝިޕްގެ މައްޗަށް ބިނާވެފައި އޮންނާތީ ކަމަށެވެ.

އެހެންކަމުން ގާނޫނަށް ހުށަހަޅާ އިސްލާހުގައި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ބަލާނެ ކަންތައްތަކެއް ހިމަނުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައި ހުރި ހުރިހާ ޕާޓީތަކަށް، ދައުލަތުން ދޭ އިނާޔަތުގެ 15 ޕަސެންޓު ހަމަހަމަކޮށް ބަހާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއީ ހުރިހާ ޕާޓިއަކަށް 3000 ހަމަވާ ކަމަށްވާނަ، އިދާރީ އެހީގެ ގޮތުގައި ފައިސާ ދޭނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިސްލާހުގައި ވެސް މެމްބަޝިޕަށް 30 ޕަސެންޓް ދޭގޮތަށް ހިމަނުއްވާނެ ކަމަށެވެ. ހަމައެއާއެކު އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ވެސް 30 ޕަސެންޓު ދޭގޮތަށް ހިމަނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު އަންހެން ކެންޑިޑޭޓުން ނެރޭ ޕާޓީތަކަށް ފަސް ޕަސެންޓު ދޭގޮތަށް އިސްލާހު ޑްރާފްޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވާހަކައަކީ އަންހެން ކެންޑިޑޭޓުން ނެރޭ ޕާޓީތަކަށް އިތުރު އިނާޔަތެއް އަޅުގަނޑުމެން ކަނޑައަޅާފަ އިންނާނެ. މިއީ މިހާރު ސަރުކާރުގެ ވެސް، ދައުލަތުގެ ވެސް މުޅި ދުނިޔޭގައި ވެސް އަންހެނުން ސިޔާސީ ކަންކަމަށް ނެރުމަށް ހަދާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް