އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަކީ ބުރަ މަސައްކަތެއް، އިތުރު ބަޔަކަށް ދައުވާ ކުރަނީ

ސިޕީ ހަމީދު -- ފޮޓޯ: ޕޮލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަކީ ބުރަ މަސައްކަތެއް ކަމަށާއި ގިނަ މުވައްސަސާތަކެއް ގުޅިގެން ކުރާ އެ ތަހުގީގުން ފާހަގަވި އިތުރު ބަޔަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެެއެވެ.

މިރޭ ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މި ތަހުގީގުގައި ފުލުހުންގެ ފަރާތުން އެކަނިވެސް އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުގެ 11 ފުލުހަކު ބައިވެރިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ހިމެނޭގޮތަށް ކުރީގެ ސަރުކާރުތަކުގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމަށް ވަނީ ރިޔާސީ ކޮމިޝަނެއް އެކުލަވަލައިފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި ފުލުހުންނާއެކު އެ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނުންވެސް ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައިި ހިމެނޭ އިތުރު ބަޔަކަށް ދައުވާ ކުރަން ފޮނުވާނެ ކަން ސީޕީ ހަމީދު މިރޭ ހާމަ ކުރައްވާފައިވާއިރު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ނަންތައް ހާމަވާނީ ކޯޓަށް މައްސަލަ ދާ ހިސާބުން ކަމަށެވެ.

އެމްއެމްޕީއާރުސިގެ ފައިސާގެ ބެނެފިޝަރީ ލިބުނު 300 އެއްހައި މީހުން ތަހުގީގަށް ފާހަގަވާކަމަށް މިރޭ ސިޕީ ވިދާޅުވިއެވެ.

"މިހާތަނަށް އައި އިރު މި މައްސަލައިގެ އެކި ކަންކަމާ ގުޅިގެން 10 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލް އަށް ހުށަހެޅި އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝަރީއަތްވެސް މިހާރު ހިނގަމުންދޭ،" ސީޕީ ވިދާޅުވިއެވެ.

ޖޮއިންޓް އިންވެސްޓިގޭޝަނުގެ އެރޭންޖުމެންޓާއެކު މިދިޔަ އަހަރުން ފެށިގެން އެންމެ ބޮޑަށް އިސްކަންދެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަނާ މަނީ ލޯންޑްރިންގެ މި ކުށުގެ ކަންތައްތައް ސްކީމްކުރި ފަރަތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް،" ސީޕީ ވިދާޅުވިއެވެ.

ފާއިތުވި އަހަރެއްހައި ދުވަހުވެސް އެ މަސައްކަތް ކުރެވުނު ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ފައިނޭންޝަލް ކްރައިމްސް ތަކަކީ ކޮމްޕްލެކްސް ކްރައިމްސް، އެހާ ފަސޭހައިން އަދި ތަހުގީގުުކޮށް،އަޅުގަނޑުމެން އެންމެން މި އެދޭ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ ތަހުގީގުތަކެއްވެސް ނޫން. މީގައި ވަރަށް ގިނަ އެސެސްމެންޓުތަކާ، ބަލަންޖެހޭ ބެލުންތަކާ ދިރާސާތައް ހުރޭ. ދައުލަތުގެ ބާރުވެރި މަގާމެއްގައި ހުންނަ ފަރާތެއްގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތުތައް ބަލާއިރުގައި މި ކަންތައް ކޮންސީލް ކުރުމަށް، ފޮރުވުމަށް، ވަގަށް ނަގާފައިވާ ފައިސާ ފޮރުވުމަށް އެކި ތަންތަނުގައި ބެހެއްޓުމަށް އެކި ފަރާތްތަކަށް އާއިލީ ފަރާތްތައްވެސް ގާތް ތިމާގެ ފަރާތްތައްވެސް އަދި ރާއްޖެއިން ބޭރުގެ އެކި ތަންތަނުގައި ބެހެއްޓުމާ އެކިކަހަލަ ވިޔަފާރިތަކަށް އިންވެސްޓުކުރުމާ މީގެ ތެރޭ ހިމެނޭ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މި ފައިސާތައް ޓްރޭސްކޮށް، އެފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިކިޔަނީ މިހާތަނަށް 267 ނުވަތަ 300 އާ ގާތްކުރާ އަދަދަކަށް މީގައި މީހުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ ކަމަށް. އެމްއެމްޕީއާރުސީގެ މި ފައިސާގެ ބެނިފިޝަރީޒްގެ ގޮތުގައި އެކި ގޮތްގޮތުން،" ސީޕީ ވިދާޅުވިއެވެ.

އެގޮތުން ވަކި ހާއްސަ ތަހުގީގުޓީމުތަކެއް އެކުލަވާލާ، މި ފައިސާއިން ބެނިފިޝަރީ ލިބުނު ފަސް ފުލުހެއްގެ މައްސަލަ ވެސް ބަލަމުންދާ ކަމަސް ސީޕީ ވިދާޅުވިއެވެ.

މި މައްސަލަތަ ތަކުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުގައި، ކޮށްފައި ހުރި ކަންތަކާ، ކޮށްފައި ހުރި ކޮން ކުށެއްތޯ ވަކި ވަކިން ބަލަންޖެހޭ ކަމަށާއި، މިކަން އެގޮތަށް އޮތްއިރު މިފަދަ ބޮޑެތި މައްސަލަތައް އެހާ އަވަހަށް ތަހުގީގު ނުކުރެވޭނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ދައުވާ އުފުލާފައިވާ 10 މީހުންގެ މައްސަލައަކީވެސް ގިނަ ވަގުތު ހޭދަކޮށްގެން ނިމިފައިވާ މައްސަަލަތައ ްަކަމަށް ސީޕީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ޖެހުނު މީހުންގެ ލިސްޓު މިހާތަނަށްވެސް އާންމެއް ނުކުރެ އެވެ.އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް