އޮސްޓްރޭލިއާގައި ފޭސްބުކް މެދުވެރިކޮށް ހަބަރު ޝެއާ ކުރުން ހުއްޓާލަނީ

އޮސްޓްރޭލިއާއިން ފާސް ކުރަން ތައްޔާރު ވަމުންދާ ނިއުސް މީޑިއާ ބާގެއިނިން ކޯޑާ ދެކޮޅަށް ފޭސްބުކުން ވަނީ ތެދުވެފަ -- ފޮޓޯ: ޕީއޭ ވަޔާ

ކެންބެރާ (ސެޕްޓެމްބަރު 1): އޮސްޓްރޭލިއާގެ މީޑިއާތަކުން ފޭސްބުކުގައި ހިއްސާ ކުރާ ހަބަރުތަކަށް އެ ކުންފުނިން ފައިސާ ދިނުމަށް މަޖުބޫރު ކުރާ ގާނޫނެއް އެގައުމުން ފާސް ކުރަން އުޅޭތީ، އެ ޕްލެޓްފޯމްގައި އޮސްޓްރޭލިއާގެ ހަބަރުތައް ހިއްސާ ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ފޭސްބުކުން ދީފި އެވެ.

މިމަހު އޮސްޓްރޭލިއާގެ ޕާލިމެންޓަށް ހުށަހަޅާނެ ކަމަށް ބެލެވޭ "ނިއުސް މީޑިއާ ބާގެއިނިން ކޯޑު"ގައިވާ ގޮތުން ނޫސް މީޑިއާތަކުން އުފައްދާ ލިޔުންތަކުގެ ތެރެއިން ފޭސްބުކާއި ގޫގުލްގައި ހިއްސާ ކުރާ ލިޔުންތަކަށް އެ ދެ ކުންފުނިން ފައިސާ ދޭން ޖެހޭނެ އެވެ. އަދި ފައިސާ ދޭނެ ވަރެއް ނިންމާނީ އެ ކުންފުނިތަކާއި މީޑިއާތަކުން މަޝްވަރާ ކުރުމަށް ފަހު އެވެ.

ނަމަވެސް ފައިސާ ދޭނެ މިންވަރަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެކަން ނިންމާނީ އާބިޓްރޭޝަން ޕެނަލަކުންނެވެ.

އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން (އޭސީސީސީ)އިން ބުނި ގޮތުގައި އެ ކޯޑު އެކުލަވާލީ މީޑިއާތަކުން އިޝްތިހާރުކޮށްގެން ހޯދާ ފައިސާ ފޭސްބުކާއި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުގެ ސަބަބުން ގެއްލިގެން ދާތީ އެވެ.

ނަމަވެސް ފޭސްބުކުން އިއްޔެ ބުނި ގޮތުގައި އެ ގާނޫނު ފާސްކޮށްފި ނަމަ ނޫސް އުފައްދާ ފަރާތްތަކަށް ބޭނުން އަދަދަކަށް ފައިސާ ހޯދަން ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެއީ ހަމަހަމަ ގޮތެއް ނޫން ކަމަށާއި އެ ގާނޫނު ފާސްކޮށްފި ނަަމަ، އޮސްޓްރޭލިއާގެ މީޑިއާތަކަށާއި ރައްޔިތުންނަށް ފޭސްބުކާއި އިންސްޓަގްރާމުން ހަބަރު ޝެއާ ނުކުރެވޭ ގޮތް ހަދާނެ ކަމަށް ބުނެފަ އެވެ.

"މިއީ އޮސްޓްރޭލިއާގެ މީޑިއާތަކަށް ފައިދާ ވުމަށް ވުރެ ބޮޑަށް ގެއްލުން ލިބޭނެ [ގާނޫނަކުން] ރައްކާތެރިވުމަށް އަޅުގަނޑުމެން ނިންމި ނިންމުމެއް،" ފޭސްބުކުގެ ގްލޯބަލް ނިއުސް ޕާޓްނާޝިޕްސްގެ ނައިބު ރައިސް ކޭމްބެލް ބްރައުން ވިދާޅުވި އެވެ.

ބްރައުން ވިދާޅުވި ގޮތުގައި ފޭސްބުކުން އޮސްޓްރޭލިއާގެ ހަބަރުތައް ނެގުމުން އެ ކުންފުންޏަށް މާބޮޑު ގެއްލުމެއް ނުލިބޭނެ އެވެ. ނަމަވެސް އޭގެ ސަބަބުން ނޫސް ވެބްސައިޓުތަކަށް ވަންނަ މީހުންގެ އަދަދު މަދުވާނެ އެވެ. އެގޮތުން މި މަހުގެ ފުރަތަމަ ފަސް މަސް ތެރޭ، ފޭސްބުކުގެ ނިއުސް ފީޑުން އޮސްޓްރޭލިއާގެ ނޫސް ވެބްސައިޓުތަކަށް 2.3 ބިލިއަން ކްލިކްސް ގެންގޮސްދިން ކަން އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް