ޖޫރިމަނާގެ އިތުރުން އިދިކޮޅުގެ އިސް ބޭފުޅުންނަށް އީސީން ނަސޭހަތްދީފި

އިދިކޮޅުގެ އިސް ބޭފުޅުންނަށް ނަސޭހަތް ދީފައިވަނީ ގާނޫނާ ހިލާފަށް މުޒާހަރާތައް ކުރިއަށް ގެންދާ މައްސަލައާ ގުޅިގެން --- ފޮޓޯ : ޕީޕީއެމް

ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއްގައި ތަކުރާރުކޮށް ބައިވެރިވެފައިވާތީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންނަށް ނަސޭހަތް ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް އިން މިއަދު ބުނެފައިވަނީ ޕީޕީއެމް އާއި ޕީއެންސީ ގެ އިސް ބޭފުޅުން އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން އީސީއިން އިއްޔެ ވަނީ ޕީޕީއެމް އާއި ޕީއެންސީ، ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ކޮވިޑް-19 ގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު އިދިކޮޅުން ދަނީ އެއްވުންތައް ބާއްވައި މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުގައި ސައިކަލު ބުރެކެވެ.

އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ފުލުހުން ދަނީ އެކަން އިންތިޒާމު ކުރުމުގައި އުޅުއްވި ބޭފުޅުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކުރަމުންނެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް، އެއިން ކޮންމެ ބޭފުޅަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.

އެ އެއްވުންތަކުގައި ބައެއް އިސް ބޭފުޅުން މާސްކު ނާޅުއްވާ އުޅުނު މައްސަލަވެެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ އެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ވަކީލެއްގެ ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ރައީސް ވަހީދު ބޭނުންފުޅުވެލެއްވުމުން އެ މައްސަލަ ވަނީ އެ ދުވަހު ކުރިއަށް ނުގެންގޮސްފަ އެވެ.

comment ކޮމެންޓް