އަލީ ވަހީދުގެ ތަހުގީގުގެ ބޮޑު ބައެއް ނިމި ޕީޖީއަށް ފޮނުވަން މަޝްވަރާ ކުރަނީ

އަލީ ވަހީދު ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސާ ގޯނާކުރި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވަށް ތައްޔާރުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އަލީ ވަަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރީ، މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނައުމުންނެވެ.

އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާތާ ދެމަހާ ގާތްވެފައި ވަނިކޮށް، މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ބޮޑު ބައެއް މިހާރު ނިމިިފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވުމަށްޓަކައި އިޖުރާއަތްތަށް ފުރިހަމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ތަހުގީގުގެ ބޮޑު ބައެއް ވަނީ ފުރިހަމަކޮށްފައި. ދައުވާ ކުރުމަށްޓަކައި ޕީޖީއާއެކު މަޝްވަރާކޮށް، ދައުވާ ކުރުމަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

މި މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި 12 އިން ފެށިގެން ފުރުންވެސް މަނާކޮށްފައިވާ އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން އޭނާގެ އެޕާޓްމްންޓްވެސް ބަލާ ފާސް ކުރި އެވެ. އަދި އެ މައްސަލައާ ގުޅިގެން ޖުލައި މަހު 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށްވެސް ހާޒިރުކޮށްފަ އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް މަގާމުން ދުރުކުރުމަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އެ ތުހުމަތުތަކަށް ފުލުހުންގެ ތަހުގީގުގައި އިންކާރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ، ރައީސް ސޯލިހް އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމުން މިހާރު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވަނީ، ޑރ. އަބްދުﷲ މައުސޫމެވެ.

comment ކޮމެންޓް