ހުޅުމާލެ ޕޮލިސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ހުޅުމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައްިދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިއަދު ހުޅުވި ޕޮލިސް ސްޓޭޝަނަކީ 2015 ވަނަ އަހަރުގައި ބިންގާ އަޅާފައިވާ ތަނެކެވެ. އެހެންނަމަވެސް އެތަނުގެ އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 14 ޖޫން 2017ގަ އެވެ.

އެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ވަނީ އެ ބިލްޑިން އިމާރާތްކޮށް ނިންމާލާފަ އެވެ. އެ ބިލްޑިންގައި ތިން ފަންގިފިލާ ހުންނާނެ އެވެ.

އެ ޕޮލިސް ސްޓޭޝަންްގެ ބޮޑުމިނުގައި 23،225 އަކަފޫޓު ހުންނައިރު އެތަން ހެދުމަށް 27.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް މީގެކުރީން ދެމުން ގެންދިޔައީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި ގާއިމުކޮށްފައިވާ ވަގުތީ ތަނެއްގަ އެވެ.

އެ ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހުޅުމާލެއަކީ ގިނަ ބަޔަކު ދިރިއުޅެމުންދާ ތަނެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެތަން އިތުރަށް ތަރައްގީވެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ.

އެއާއެކު އެތަނުގައި ދިރިއުޅޭ ފުލުހުންގެ ދައުރު އިތުރުވެގެންދާނެ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

"އެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރުވެސް ދަނީ އިތުރު ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރަމުން. އަޅުގަނޑުގެ އުއްމީދަކީ ދައުލަތުގެ ފަރާތުން ފުލުހުނަށް އިތުރު ވަސީލަތްތަކާއި ބިނާތައް ފޯރުކޮށްދިނުން" ހަމީދު ވިދާޅުވި އެވެ.

އުއްމީދަކީ ހުޅުމާލެ އަކީ އިތުރަށް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުންގެ ފަރާތުން އިތުރަށް މަސައްކަތް ކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ފުލުހުންނަށް އޮންނަ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް