އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓްރީކުރަން އަންގައިފި

ޗޮކްލެޓް ޗިޕް ކުކީސް --

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

"އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ދަންނަވަމެވެ." އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

އަދި ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ރަޖިސްޓްރީނުކޮށް ހިންގާ އެފަދަ ތަންތަނުން ހިދުމަތް ނުހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭ އިން މިހާރު ވަނީ އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެޗްޕީއޭ އިން ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރަޖިސްޓްރީ ނުކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައިވެއެވެ.

comment ކޮމެންޓް