ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ޕީޕީއެމް-ޕީއެންސީން ބޭއްވި ސައިކަލުބުރުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މި ދެ ޕާޓީއިން އެޗްޕީއޭގެ ގައިޑްލައިންއާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށެވެ.

މި ދެ ޕާޓީ ޖޫރިމަނާކށްފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކަތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިން އާއި ހިލާފުވުމުން ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ މިދިޔަ ހުކުރުދުވަހު މާލޭގައި ސައިކަލު ބުރެއް ބާއްވައިފައެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ފުލުހުން ދަނީ އެކަން އިންތިޒާމު ކުރުމުގައި އުޅުއްވި ބޭފުޅުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކުރަމުންނެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް، އެއިން ކޮންމެ ބޭފުޅަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.

އެބޭފުޅުން ޖޫރިމަނާކޮށްފައިވަނީ ފަސް މީހުންނަށް ވުރެން ގިނައިން އެއްކޮށް ހުރުމުންނެވެ. އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން ފަސް މީހުންނަށްވުރެ ގިނަ މީހުން އެކީ އެއްފަހަރާ ބޭރަށް ނިކުމެ އެއްވެ އުޅުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން އެ މުޒާހަރާގައި ބައިވެރިވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުކުރެއްވުމުން ރައީސް ވަހީދު ހަނު ހުންނެވީއެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނީ ވަކީލެއް ހަމަޖެއްސެވުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް