ރާއްޖޭގެ ނަން ބޭނުންކޮށްގެން ލަންކާއިން ހިކިމަސް ބޭރުކުރުން ހުއްޓުވޭނީ ގާނޫނަކުން: ޒަހާ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

ސްރީލަންކާއިން ކަނޑުމަސް އެކްސްޕޯޓުކުރުމުގައި ރާއްޖޭގެ ނަން ބޭނުންކުރުން ހުއްޓުވުމަށް ޕޭޓެންޓިން ގާނޫނެއް ބޭނުންވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއިން ހިކި ކަނޑުމަސް "މޯލްޑިވް ފިޝް"ގެ ނަމުގައި އެކްސްޕޯޓުކުރާތީ އެ ނަން ރާއްޖެއިން ޕޭޓެންޓް ނުކުރެވެނީ ކީއްވެގެންތޯ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބުވެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެކަން ނުކުރެވެނީ ޕޭޓެންޓިންގް ގާނޫނެއް ރާއްޖޭގައި ނޯންނާތީ ކަމަށެވެ.

"މޯލްޑިވް ފިޝްގެ ނަމުގައި ސްރީލަންކާއިން އެބަ ބޭރުކުރޭ އެކި ތަންތަނަށް [ހިކިމަސް]. އެކަމަކު ދިވެހިރާއްޖޭގައި އަދި ޕޭޓެންޓިންގް ގާނޫނެއް ނެތް. އެހެންވީމާ އެ ގާނޫނެއް އައިސްގެން ނޫނިއްޔާ މޯލްޑިވް ފިޝްގެ ބްރޭންޑު، ބްރޭންޑެއްގެ ގޮތުގައި [ރާއްޖެއަށް] ޕޭޓެންޓެއް ނުކުރެޥޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު މިނިސްޓަރު ވަނީ ޕޭޓެންޓިންގް ގާނޫނެއް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ސްރީލަންކާގެ އާ ސަރުކާރުން އެގައުމަށް މަސް އިމްޕޯޓުކުރުން ހުއްޓުވަން އުޅޭތީ އެކަމުން ރާއްޖެއަށް ގެއްލުމެއް ލިބިދާނެތޯ މެމްބަރު ސަލީމް ސުވާލުކުރެއްވުމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެކަމާ މެދު ކަންބޮޑު ނުވާ ކަމަށެވެ.

"ކަންބޮޑެއް ނުވޭ ރާއްޖޭގެ މަސް ލަންކާއަށް ނުގެންދެވޭތީ އެއް. އަޅުގަނޑުމެން އަމާޒުކުރަނީ އަގުބޮޑު ބާޒާރަށް. އެ ލިބޭ އާމްދަނީ ރައްޔިތުންނަށް ވީހާވެސް ބޮޑު މަންފާއެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގެ ބާޒާރު މާ މުހިންމު ނޫންކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ވާހަކަދެއްކެވުމާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާ ނަންގަވައި، ނުރުހުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ވަރަށް ހައިރާންވެއްޖެ. ކަމަނާ ކޮން ތަނަކަށްތޯ އަގުބޮޑުކޮށް ވިއްކަން [ތިއުޅުއްވަނީ]. މި ރާއްޖެއިން މަސް އެކްސްޕޯޓުކުރުމުގައި ވަރަށް ބޮޑު ޕާޓްނަރެއް ސްރީލަންކާއަކީ. އެކަމުގެ ތެރޭގައި ޕޭޓެންޓުކޮށްފައި، ބްރޭންޑުކޮށްފައި ކަނޑުމަހާ ވަޅޯމަސް ނުވިއްކެންވީ [ކީއްވެތޯ]، އެއަށް ގޮތެއް ހޯދުމަށް ނޫންތޯ ސުވާލު ކުރެއްވީ،" ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲވެސް ވިދާޅުވީ މިނިސްޓަރުގެ ޖަވާބާ ގުޅިގެން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

ރައްދުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ ހިކި ކަނޑުމަހަކީ މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް އަގު އެއްކުރެވި، އެއަށްވުރެ ބޮޑެތި ބާޒާރުތަކަށް ރާއްޖޭގެ މަސް ފޮނުވޭނެކަމާށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއްނޫން ގަނޑުކުރި މަސް[ވެސް] ތައިލެންޑު، ލަންކާ ބާޒާރަށް ފޮނުވާކަށެއް. އަޅުގަނޑުމެން މި ތަރައްގީތައް މި ގެނެސްދެނީ ހަމަ މަސްވެރިންނަށް މި މަންފާތައް ހޯދައިދޭން،" މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ސްރީލަންކާއިން ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ސުން ޕަސަންޓުގައި މަސް އެކްސްޕޯޓުކުރާ އިރު ރާއްޖެއިން ޑިއުޓީއެއް ދައްކަންޖެހޭތީ އެކަމާ ބެހޭގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ސުވާލުކުރެއްވުމުން މިނިސްޓަރު ޒޒަހާ ވިދާޅުވީ ރާއްޖޭގެ މަސް ޔޫރަޕިއަން ޔޫނިއަނަށް މަސް އެކްސްޕޯޓުކުރަނީ 28 ޕަސަންޓު ޓެކްސް ދައްކައިގެން ކަމަށެވެ. އެކަމަކު މިހާރު ރާއްޖޭގެ މަސްވެރިކަމުގައި އީޔޫއިން ކަންބޮޑުވާންޖެހޭ ކަމެއް ނޯންނާނެ ކަމާށައި، ސަރުކާރުން ކުރަންޖެހޭ ކަންކަންވެސް ކޮށް ނިންމާފައިވާ ކަމަށެވެ.

"ޑިއުޓީ އެގްޒެމްޕްޝަން މެކަނިޒަމަކީ ވަކި ގޮތަކަށް ކުރަންޖެހޭ ކަމެއް. ޑިއުޓީ ކުޑަކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރެވި، ޖޫންމަހުުގެ ތެރޭގައި އަޅުގަނޑުމެންވެސް ވާނީ ސަބްމިޝަނެއް ހަދާފައި. އެކަމަކުވެސް އެންމެ އަވަހަށް އެބޭފުޅުން ޑިއުޓީ ރިވިއުކުރާނީ 2023 ގައި، މިހާރު ހުށަހަޅާފައި އޮތް ސަބްމިޝަނަށް ބަލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ވިލާތުގެ އިއްތިހާދަށް މަސް އެކްސްޕޯޓުކުރުމުގެ މައްސަލައެއް ހައްލެއް އަދި ލިބިފައި ނުވާކަމަށާއި، ނަމަވެސް ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއެކު އެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް