ސީއެސްސީއަށް ހަތަރު މެމްބަރަކު އައްޔަން ކުރަން ރުހުން ދީފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސިވިލްސާވިސް ކޮމިޝަންގް ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 13 ބޭފުޅަކަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދިނީ، މިދިޔަ ހަފްތާގައެވެ.

މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފް އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް އަދި ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދުގެ ނަމެވެ.

އެ ހަތަރު މީހުންނަކީ، އެމީޑީޕީން ޕާލިމަންޓަރީ ގުރޫޕުން ރުހުން ދިނުމަށް ތްރީލަން ވިޕެއް ނެރުނު ހަތަރު ބޭފުޅުންނެވެ.

ސަނީފް އަކީ ސީއެސްސީއަށް މެމްބަރުން ރުހުން ދިނުމަށް ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާ ކޮމިޓީގެ މެމްބަރެކެވެ. ކޮމިޓީން ރުހުން ދިން މީހުންގެ ލިސްޓުގައި ސަނީފުގެ ކުރީގެ އަންހެނުން ހިމެނޭތީ، އޭނާގެ މަސްލަހަތެއް އޮތްތޯ ބެލުމަށް މަޖިލިހުގެ ރިޔާސަތންު އިމްތިޒު ކޮމިޓީއަށް އެންގިއެވެ.

އެ މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީން ނިންމާފައިވަނީ މެންބަރުކަމަށް އައްޔަން ކުރަން ރުހުން ދޭނޭ ބޭފުޅުން ހޮވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައި ނުވާ ކަމަށެވެ.

https://www.sun.mv/142111

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން މިދިޔަ މަހުގެ 13ގައި ވަކި ކުރުމާ ގުޅިގެންނެވެ.

ސިވިލް ސީވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް