އަލިފާނުގެ ހާދިސާއެއް ހިނގައި ޖަނަވަރީމަގު ދުމުން ބައްދާލައިފި

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއްގައި ރޯވި އަލިފާން ނިއްވާލަނީ -- ސަން ފޮޓޯ

ޖަނަވާރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މަގުގައި ދުން ބޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 13:08 ގައި ކަމަށެވެ. އަދި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ފިހާރައިގެ އޭސީ އިންޑޯގައި އަލިފާން ރޯވެގެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގީ، ޖަނަވަރީ މަގުގައި ހުންނަ "ވެސްޓަޔާ" ކިޔާ އަންނައުނު ވިއްކާ ފިހާރައެއްގައެވެ.

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއްގައި ރޯވި އަލިފާނުގެ ދުމުން މުޅި މަގު ފުރާލާފައި -- ސަން ފޮޓޯ

ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލައިފައެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާން 13:30 ހާއިރު ނިއްވާލާފައިވާ ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު އަދިވެސް ވަރަށް ބޮޑަށް ހުރުމުން، އެ ސަރަހައްދަށް އާންމުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯ އާއި އެ ކެފޭއާ ޖެހިގެން ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތުގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ބޮޑެތި ގެއްލުންތަކެއްވި އެވެ.

comment ކޮމެންޓް