ކުއްލިއަކަށް މަރުވި 21 އަހަރުގެ ޒުވާނާ ކޮވިޑަށް ޕޮޒިޓިވް

ސަން ފޮޓޯ: ފަޔާޒު މޫސާ

ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައި އޮތް އުމުރުން 21 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ، ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"ޑެތް ފޯމުގައި އޮތީ ކޮވިޑަށް ޕޮޒިޓިވް ކަމަށް،" އޮފިޝަލު ވިދާޅުވި އެވެ.

އެޗްއީއޯސީއިން ވެސް ފަހުންވަނީ އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން ކަށަވަރުކޮށްދީފަ އެވެ. އެޗްއީއޯސީއިން ބުނި ގޮތުގައި މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާގެ ސާމްޕަލް ނަގައި ޓެސްޓުކުރިއިރު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ނަމަވެސް އެ ޒުވާނާގެ މަރަކީ ކޮވިޑްގެ މަރެއްގެ ގޮތުގައި ނުބަލާ ކަމަށް ވެސް އެޗްއީއޯސީއިން ބުންޏެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ ރޭ 11:32 އެހާކަންހާއިރު އުމުރުން 21 އަހަރުގެ އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ކުއްލި މަރުތަކުގައި މަރުވާ މީހުން ކޮވިޑަށް ޓެސްޓު ކުރާއިރު ޕޮޒިޓިވް ވެފައި އެބަހުއްޓެވެ. ނަމަވެސް މިއީ ކޮވިޑަށް ޕޮޒިޓިވްވި މިހާ ޒުވާން އުމުރުގެ ކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް